ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކީލުކަމުގެ ހުއްދަ ދޭންވާނީ ޝަރުއީ ރޮނގުން ޑިގްރީ ހާސިލްކުރާ މީހުންނަށް: އަނާރާ

ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ޝަރުއީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމަނާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އެދިވަޑައިގެންފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ހުށަހަޅުއްވާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އަނާރާ ވިދާޅުވީ މެންބަރު ހުށަހަޅުއްވާފައިވާ އިސްލާހުގެ އިތުރުން، އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރު އިސްލާހު ކުރަންޖެހޭކަމަށެވެ.

އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކެވެ. އެގޮތުން ފުރަތަމަ ނަންބަރުގައި ބުނެފައިވަނީ އެ ހުއްދަ ދޫކުރެވޭނީ އުމުރުން 21 އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުންހުރި ދިވެހިރައްޔިތަކަށް ކަމަށެވެ.

ދެވަނަ ނަންބަރުގައި ޝަރުތެއް ކަމަށް ކަނޑައަޅާފައިވަނީ ބާ ކައުންސިލުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާން ޖެހޭ ކަމަށެވެ. ދެން ބަޔާންކޮށްފައިވާ ޝަރުތުތަކަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ”ޖިނާއީ ބޮޑު ކުށެއް“ ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއެކު އެ ގާނޫނުގައި ބުނެފައިވާ ތަމްރީނާއި، ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން ކަމަށެވެ.

އަނާރާ ވިދާޅުވީ ދެވަނަ ނަންބަރުގައި އޮންނަނީ ބާ ކައުންސިލުން ކަނޑައަޅާ ށަރުތުތަކެއް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ ޖެހޭނެކަމަށް އެކަނި ބަޔާންކޮށްފައި ކަމަށެވެ. ނަމަވެސް މެންބަރު ގަބޫލުކުރައްވާ ގޮތުގައި އެ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން އެ ނަންބަރަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވާއިރު އެ މާއްދާގަ އިސްލާހު ކުރެވެން ޖެހޭ ޝަރުއީ ރޮނގުން ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތަކަށް ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދޭ ގޮތަށް. ސަބަބަކަށް ވަނީ ޝަރުއީ ދާއިރާ ހަގީގަތުގަ ވަރަށް ބޮޑަށް ގުޅުން އޮންނާނެ އިސްލާމީ ޝަރީއަތާ. ކީރިތި ގުރުއާންގަ ވެސް ވަރަށް ގިނަ ހުކުމްތައް އައިސްފަ އެބަހުރި. އެހެންވީމަ އެބައިތައް އެނގުން ވަރަށް މުހިއްމު ކަމެއް ކޮންމެ ގާނޫނީ ވަކީލަކަށް ވެސް. އެއީ ގާނޫނީ ވަކީލަކަށް ފަނޑިޔާރަކަށް ވެސް މި ވެވެނީ. އެހެންވީމަ ވަރަށް މުހިއްމު އެގޮތަށް އޮތުން،

ޝަރުއީ ދާއިރާއިން ނުވަތަ އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ މީހުންނަށް ޝަރުއީ ދާއިރާއަށް ވަނުމުގެ ފުރުސަތު އޮންނާނީ އޭރުން ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ގާނޫނުގައިވާ ގޮތުން މުސްތަގްބަލުގައި ޝަރުއީ ދާއިރާގަ ތިއްބަވާނީ ހަމައެކަނި ގާނޫނީ ދާއިރާއިން، ހަމައެކަނި ގާނޫނީ މާއްދާތަކެއް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ. އެހެންކަމުން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

މިއަދު ބަހުސް ކުރެވޭ މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައި ވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާކައުންސިލަށް މިނިވަންކަން ހޯދައިދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: