ބާ ކައުންސިލުން ބަންޑާރަނައިބު އުނިކުރުމުން ނިކުންނާނެ ނަތީޖާއަކަށް ވަކި ބަދަލެއް އަންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ހުށަހަޅުއްވާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ އެ ބިލުގައި ގާނޫނަށް ހުށަހަޅާފައިވަނީ ދެ އިސްލާހު ކަމަށެވެ. އަދި އެ ދެ އިސްލާހާ ޝަރުއީ ދާއިރާ އިސްލާހުކުރުމާ ދެމެދު އޮތް ގުޅުން ސާފުކުރަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އެޓަރނީ ޖެނެރަލް ބާ ކައުންސިލްގަ ނީނުމަކުންނެއް އިނުމަކުންނެއް ނިކުންނާނެ ނަތީޖާއެއް އަޅުގަނޑަކަށް ނުފެނޭ. އެމަނިކުފާނަކީ އެންމެ ބޭފުޅެއް. ބާކީ ތިއްބަވާ ހުރިހާ ބޭފުޅުންނަކީ ވެސް ހަމަ އިންތިޚާބުވެގެން އަންނަ ބޭފުޅުން. އެހެންވީމާ ބާ ކައުންސިލުން ނިންމާ ނިންމުމުގައި އެމަނިކުފާނު އެތަނުގައި އިނުމަކުން ނުވަތަ ނީނުމަކުން ނިކުންނާނެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ޝަރުއީ ދާއިރާ އިސްލާހު ކުރާ ވާހަކަ ދައްކާއިރުގައި ހުރިހާ ސަރުކާރަކުން ވެސް އަންނަނީ ޝަރުއީ ދާއިރާއަށް އަތް ފޯރުވަމުން،
ޣަފޫރު ވިދާޅުވީ މަޖިލީހުން ޝަރުއީ ދާއިރާއަށް ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ކޮށްދީފަިއވާ ކަމަށެވެ. އެގޮތުން ދާދި ފަހުން ވެސް އެ ދާއިރާގެ މުސާރައަށް ބޮޑެތި، ހެޔޮް ބަދަލުތަކެއް ގެނަސްދީފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ނަތީޖާ، ޝަރުއީ ދާއިރާއިން ފެންނަމުން ނުދާކަން އެއީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ޖެހޭނީ ކަންކަން އިސްލާހުކުރުމުގައި ނިޔަތާ ވިސްނުމާ ފިކުރާ ޚިޔާލާ ރަނގަޅު ގޮތް އިހުތިޔާރު ކުރަން. ބާރުވެރިކަމަކީ އެއްވެސް ފަރާތެއް އަބަދަށް ދެމި އޮންނާނެ ކަމެއް ނޫން. ވެރިަކމުގައި ތިބެގެން ކުރާ ރަނގަޅު ކަމެއްގެ ނަތީޖާ، އާޚިރުގައި ގައުމަށް ފައިދާ ކުރާނީ. އަޅުގަނޑުމެންނަށް ފެނުނު ސަރުކާރުތަކުން ކަންތައްތައް ކުރަމުން ދިއަ ގޮތް. އަދި މި ސަރުކާރުން ކަންތައް ކުރަމުންދާ ގޮތްް ވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. ރަނގަޅު ނިޔަތުގައި، އެކަން އޮންނަ ގޮތުގައި ރައްޔިތުންނަށް އިންސާފާ ރައްޔިތުން ބޭނުންވާނެ ކަންތައްތައް ހާސިލުވާނެ ގޮތްތަކަށް ސަރުކާރުތަކުން އަމަލުކުރަން ޖެހޭނީ،
މިއަދު ބަހުސް ކުރި އެ ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާކައުންސިލަށް މިނިވަންކަން ހޯދައިދިނުން ކަމަށެވެ.

