އާރްޓީއެލް ބަހުގެ ހިދުމަތްތައް ދިނުމަށް ގެންގުޅޭ އުޅަނދުތަކުގެ ސައިޒު ކުޑަކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ނިންމައިފިއެވެ.
މާލޭގައި އުޅަނދުތައް ގިނަވުމުގެ ސަބަބުން ތޮއްޖެހުމަށް ދިމާވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ”މާލެ ފަހި“ ގެ ނަމުގައި ޓްރާންސްޕޯޓު މިނިސްޓްރީއިން މަސައްކަތްތަކެއް ފަށާފައިވާއިރު، މިކަމުގެ ތެރެއިން ކުރެވިގެންދާ އެއް މަސައްކަތެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކުގެ ސައިޒު ކުޑަކުރުން ހިމެނޭކަމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުންން އާރްޓީއެލް ބަހުގެ ހިދުމަތަކީ މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން ބޭނުން ކުރަމުންދާ ހިދުމަތެއްކަމަށާއި އެހެންމަވެސް ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ބޭނުން ކުރަމުންދާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ ބަސްތައް އޮޕަރޭޓް ކުރުމުގައި ދަތިތައް ހުރިކަމަށް ބުނެފައިވެއެވެ.
އެކަމުގެ ސަބަބުން ޝެޑިއުލްއާ އެއްގޮތަށް ދަތުރުނުކުރެވޭތީ އާރް.ޓީ.އެލް ބަސް ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ދަތިވެ، ބަސް ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަދަދު މަދުވުމަށް ދިމާވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.އެހެންކަމުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް ނިންމާފައިވާކަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

