ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަތައް ހުށައަޅަމުންދާ އުސޫލަށް އިސްލާހުތައް ގެންނަން ޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮންމެ ދުވަހެއްގެ ޖަލްސާއަށް ވެސް އިދިކޮޅު އެމްޑީޕީން އެކި ކުއްލި މައްސަަލަތައް ހުށަހަޅައެވެ. އޭރު ވެސް ސަރުކާރުގެ މެމްބަރުން ވަނީ މަޖިލީހުގައި ކުއްލި މައްސަލަ ހުށަހެޅުމުގެ އުސޫލު ބަދަލު ކުރުމަަށް ގޮވާލާފަ އެވެ.
އެކަން ފާހަގަކޮށް ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު މުސްތަފާވަނީ އިދިކޮޅު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައަޅާ ކުއްލި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، އެގޮތަށް މަޖިލީހަށް ކުއްލި މައްސަލަތައް ހުށައެޅުމަށް މިހާރު އުސޫލެއް އޮންނަންޖެހޭކަމަށެވެ.
މުސްތަފާ ވިދާޅުވީ، ކުއްލި މައްސަލައެއް މަޖިލީހަށް ހުށައެޅެންޖެހެނީ ގައުމުގައި ކުއްލި ގޮތަކަށް ދިމާވާ ކަމަކާއި ގުޅުވައިގެންކަމަށާއި އެކަން ކުރެވެންޖެހޭނީ ނުތަނަވަސްކަމެއް ކުރިމަތިވުން އަދި ރައްޔިތުންނަށް ކުއްލި ގޮތަކަށް ދިމާވާ ބޮޑެތި މައްސަލަތަކާއި ގުޅިގެން ހައްލެއް ހޯދުމުގެ ބޭނުމުގައިކަމަށެވެ.
މުސްތަފާ ވިދާޅުވީ، އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފެނިގެންދަނީ ކޮންމެ ދުވަހެއްގައިވެސް މަޖިލީހަށް ވަޑައިގަންނަވާއިރު ކުއްލި މައްސަލައެއް ހުށައަަޅާފައިވާތަންކަމަށާއި މައްސަލަތައް ވައްދަމުންދަނީ އެއްވެސް އަސާސެއް ނެތް ކަންކަމާއި ގުޅުވައިގެންކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެންމެ ފަހުން ހުށައަޅާފައިވާ މައްސަލަ ޕީއެންސީއިންވަނީ ބަަލައިގަނެފައިކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައިވެސް އެ ޕާޓީގެ ޕީޖީ ގުރޫޕުން އެގޮތަށް އަމަލުކުރާނެކަމަށްވެސް ހާމަކުރެއްވިއެވެ. މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކީ އެއީކަމަށެވެ. އަދި އޭނާވަނީ މީގެ ކުރީ ދައުރުގައި ޕްރޮގްރެސިވް ކޯލިޝަންއިން މަޖިލީހަށް ހުށައެޅި މައްސަލަތައް އެމްޑީޕީގެ މެޖޯރިޓީއިން ބޭރުކޮށްލިކަން ފާހަގަކުރައްވާފައެވެ.
މުސްތަފާ ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން އޭރު މަޖިލީހަށް ހުށައެޅީ ބޮޑެތި ކަންކަމާއި ގުޅުންހުރި ކުއްލި މައްސަލަތައްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން އެ މައްސަލަތައް ބަލައިނުގަނެ ބޭރުކޮށްލީކަމަށާއި އެހެންނަމަވެސް އަދުގެ މަޖިލީހަކީ ނަމޫނާ މަޖިލީހެއްކަމަށް ހިއްސާކުރެއްވިއެވެ. މުސްތަފާ ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މަސައްކަތްކުރާނީ ރައްޔިތުންގެ ހައްގުގައިކަމަށާއި ކުރަމުންދާނީ ހައްލުތައް ހޯދައިދިނުމާއި އިސްލާހުތައް ގެނެސްދިނުމުގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

