ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލު ގާނޫނަކަށް ވުމުން ފުށިދިއްގަރު ފަޅުގައި އެމްޑީޕީން އެ ބުނާ ފަދަ ނުހައްގު މުއްސަނދިކަމެއް ހޯދާނެ އެއްވެސް އަމަލެއް ނުހިންގޭނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި މުސްތަފާ ވިދާޅުވީ، ފުށިދިއްގަރު ފަޅު ވިއްކައިގެން ވިޔަސް ހޯދާ ނުހައްގު މުއްސަނދިކަމަށް ފިޔަވަޅު އެޅޭނެ ގާނޫނެއް މި ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވިކަން އެނގޭނެ ކަމަށެވެ.
އެހެންކަމުން، އެފަދަ އަމަލުތައް ހިންގުމުގައި މި ސަރުކާރުން އެކަންކަމަށް ވާގި ނުދޭނެ ކަމާއި އެފަދަ ބިލެއް ގެނައުމަކީ އެފަދަ ކަށްތަކަށް ހުރަސްއެޅުމަށް ކުރެވޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މުސްތަފާ ވިދާޅުވީ، އެ ގާނޫނު އައުމާއެކު ޔަގީންވާނެ އެއްކަމަކީ ފުށިދިއްގަރު ފަޅުގައި އެމްޑީޕީން އެ ބުނާ ފަދަ ނުހައްގު މުއްސަނދިކަމެއް ހޯދާނެ އެއްވެސް އަމަލެއް ނުހިނގާނެކަން ކަމަށެވެ.
”ދިވެހިރާއްޖޭގައި މިހާރު މި ކުރެވެމުންދާ ކަމަކީ ހަގީގަތުގައި ފުށިދިއްގަރު ފަޅު ވިއްކައިގެން ނަމަވެސް، އަދި އެހެން އެއްޗެއް ވިއްކައިގެން ނަމަވެސް އޭގެން ނުހައްގު މުއްސަނދިކަމެއް ހޯދައިފިނަމަ އެއަށް ގާނޫނު އަރާ ހަމަކުރުމަށްޓަކައި އެ މުދާ ހޯދުމަށްޓަކައި ބާރުދޭ ގާނޫނެއް ހަދައިދިނުން،“
މުސްތަފާ ވަނީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ގާނޫނުއަސާސީގެ 40 ވަނަ މާއްދާއިން 2 ނުކުތާއެއް ވަރަށް ކުރުކޮށް ވިދާޅުވީތީ އެކަމަށް އެއްޗެއް އިތުރު ކުރައްވާފައެވެ. އެގޮތުން އެ މާއްދާގެ (ނ)ގައި ވާ ވާހަކަ ފާހަގަނުކުރީ ކީއްވެތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ.
އެގޮތުން ގާނޫނާ ހިލާފަށް ހޯދައިފައިވާ މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ހުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ފަދަ ގާނޫނެއް ހެދުމަކަށް އެ މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅާ ކަމަށް 40 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށެވެ. 20 އަހަރު ފެހި ގާނޫނުއަސާސީއަށް ވަމުންދާއިރު 40 ވަނަ މާއްދާއަށް ބާރު ދިނުމަށް ހަދައިދޭ ފުރަތަމަ ގާނޫނަކީ މިހާރު ހުށައަޅާފައި އޮތް ބިލު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

