ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވި އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ މިހެން ވިދާޅުވީ ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ޙާލަތެއްގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް 955 ކުއްޖަކު ޞިއްޙީ މި ޙާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށާ އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުކާރުން މި ބޮޑު ޤައުމީ މައްސަލައަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

