ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ސިއްހީ ހިދުމަތް ނެތި އިގްތިސާދީ ފާގަތިކަމެއް ނުލިބޭނެ: ސާޖިދާ

އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، އިގްތިސާދީ ފާގަތިކަމުގެ ބިންގަލަކީ ރަނގަޅު ސިއްހަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހެނދުނު އޮތް ތިން ވަނަ އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026 (އައި.ޖޭ.ސީ.އެޗް.ޕީ 2026) ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުންކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައިވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލިމީހެއް ކަމަށެވެ. އަދި ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމުތަކަށް އެ ގައުމުތަކުގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ގައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިގްތިސާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ގައުމެއްގެ ހަގީގީ ބާރުވެރިކަންހުރި މިންވަރީ، އެ ގައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރެއްގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ކަންކަމުގެ ދައުރު ފުޅާވަމުން އަންނަކަން ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސިއްހީ ހިދުމަތްތައް ހަރުދަނާކުރެވިގެންދާއިރު ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައިވިޔަސް، އޯގާތެރިކަމަކީ ބަދަލުނުކުރެވޭނެކަމެއްކަން ފާހަގަކުރައްވައި، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ. ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާއި، އިންސާނުންނަށް ހިދުމަތްކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވެގެން ނުވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްތަކަށް ވިލުންތެރި ސިއްހީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، އައު ބަލިތައް ފެތުރުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމަކީ އީޖާދީ އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަށް ބޭނުންވާ ގޮންޖެހުންތަކެއް ކަމަށެވެ.

ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްގީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، ހާއްސަ ހިދުމަތްތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި ވުނަކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުންކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ހާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންގެ ހިދުމަތްތެރިކަމާއި އޯގާތެރިކަމަށް ޓަކައި އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކަނބަލުންގެ ދައުރު ފާހަގަކުރައްވައި، އަންހެނުން އިސް ސަފުގައި ތިބުމުން ސިއްހީ ނިޒާމުތައް އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ، އަދި މުޖުތަމައުގެ ބޭނުންތަކަށް އިޖާބަދޭ ނިޒާމަކަށް ސިއްހީ ނިޒާމު ވެގެންދާކަމަށާއި، ސިއްހީ ދާއިރާގެ އިސް ސަފުގައި އަންހެނުންނަށް އެއްބާރުލުން ދިނުމަކީ ސިއްހީ ހިދުމަތް ކުރިއެރުވުމަށް މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން، ކޮންފަރަންސް އިންތިޒާމުކުރެއްވި ފަރާތްތަކުގެ ނަމުގައި އެކަމަނާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އެ ފިލާ އެކަމަނާއަށް އެރުވީ ކޯ-ޗެއަރ އަދި އެސޯސިއޭޓް ޕްރޮފެސަރ ފާތިމަތު ޝިފާޒާއެވެ.

ޖުލައި މަހުގެ 7 އިން 9 އަށް ކްރޮސްރޯޑްސްގައި ކުރިއަށްދާ އެ ކޮންފަރެންސްގެ ޝިއާރަކީ ”އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިންގ ދަ ފިއުޗަރ އޮފް ހެލްތްކެއަރ ފޯރ ސަސްޓެއިނަބަލް އިމްޕެކްޓް“އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: