ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ ލިބޭ ކުދިންގެ ހައްގުގައި އަޑުއުފުލުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް: މެޑަމް ސާޖިދާ

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި އިހުމާލުވުމުގެ މައްސަލަތައް ގިނަ ފަހަރަށް ހިނގަނީ ހިމޭންކަމުގެ ތެރޭގައި ކަމަށްވާތީ، އެފަދަ ކަންކަމާ ދެކޮޅަށް ހަނުތިބެ، އެކުދިންގެ ހައްގުގައި އަޑުއުފުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

މެޑަމް ސާޖިދާ މިކަމަށް ގޮވާލެއްވީ، މޭ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ”ޑިސްކަޝަން އޮން ޗައިލްޑް ރައިޓްސް“ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އަނިޔާ ލިބޭ ކުދިން ބިރުގަންނާތީ ނުވަތަ ލަދުގަންނާތީ އެވާހަކަތައް ހިއްސާކުރަން ނުކެރި ތިބޭ ވަގުތުތަކުގައި، އެކުދިންގެ އިހުސާސްތައް ދެނެގަނެ، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން އެކުދިންގެ މުޅި ދިރިއުޅުމަށް ފޮހެލަން ދަތި ލަކުނުތަކެއް ލިބިގެންދާކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

”އަނިޔާ ލިބޭ ގިނަ ކުދިން ބިރުން ނުވަތަ ލަދުން ހަނު ތިބޭއިރު، އެފަދަ ވަގުތުތަކުގައި އެންމެ މުހިންމީ އެކަންކަން ދެނެގަނެ، އެކުދިންގެ އަޑުއަހައި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ހިތްވަރު ހުރި މީހަކު ހުރުން. އެންމެ މުހިންމު ކަމަކީ ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް ނުރައްކަލެއް އޮތް ހާލަތެއްގައި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިހްތިޔާރު ކުރުން،“ މެޑަމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ދުނިޔޭގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރުމުގައި އެކަށީގެންވާ ހުދޫދުތަކެއް ކަނޑަނޭޅިއްޖެނަމަ، ކުދިންގެ މައުސޫމްކަމާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، 16 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށާއި، ކުދިންނަށް އޮންލައިންކޮށް ލިބޭ އަނިޔާތަކުން ރައްކާތެރިކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަށް އެކަމަނާ މަރުހަބާ ވިދާޅުވިއެވެ.

ސަރުކާރުން އެކުލަވާލާފައިވާ ”ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އަގެއިންސްޓް ޗިލްޑްރަން“ އާއި، 1412 ޗައިލްޑް ހެލްޕްލައިން ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި، ކުދިންނަށް އަމާން ވެއްޓެއް ގާއިމުކޮށްދިނުމަށް އެންމެހާ މުއައްސަސާތަކާއި އާންމު ފަރުދުން ގުޅިގެން މަސައްކަތްކުރުމަށްވެސް މެޑަމް ސާޖިދާ އިލްތިމާސްކުރެއްވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ބޮޑެތި ކަންތައްތަކެއް ކުރުން ނޫން ކަމަށާއި، އެކުދިންގެ ވާހަކަތައް އަޑުއެހުމާއި، އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ ކުދިންނަށް ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަން ކަމަށެވެ. އަދި ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމަށް ފެންނަ ކޮންމެ ހިނދެއްގައި، އެކަމާ ދެކޮޅަށް ތެދުވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: