ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިގެ އަސަރު ސިއްޚީ މަރުކަޒުތަކަށް ވެސް، ޚިދުމަތްތަކަށް ބުރުނާރާ

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ / ފޮޓޯ: އެމް.އެން.ޑީ.އެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް އައިއިރު ވިއްސާރައިގެ އަސަރު ބައެއް ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ކޮށްފައިވީ ނަމަވެސް ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އެކަން ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިކަމަށް ދުރާލާ ތައްޔާރުވުމަށާ ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ސިއްހީ ނިޒާމުން ބަލަންޖެހޭ ކަންކަން މޮނިޓަރ ކުރުމަށާ، އާންމުންނާ މުއައްސަސާތަކަށް ބޭނުންވާ މައުލޫމާތާ އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތު މިނިސްޓްރީގެ ހެލްތު އިމާޖެންސީ ކޯޑިނޭޝަން ކޮމިޓީ އިން މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެކަންކަން މިނސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. މިނިސްޓްރީން ބުނީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އާއްމު ސިއްހަތަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށްޓަކައި ޕަބްލިކް ހެލްތު ޔުނިޓްތައް މެދުވެރިކޮށް މޮނިޓަރ ކުރުމާއި އެ ކަންކަމުން ރައްކާތެރިވުމަށް އަމަލުކުރަންވީ ގޮތުގެ މައުލޫމާތު އެޗްޕީއޭއިން އާންމު ކުރަމުންދާ ކަމަށެވެ.

ބަޔާނުގައި ބުނީ ވިއްސާރަވެ ފެންބޮޑުވެފައިވާ ތަންތަނާ ސެޕްޓިކް ޓޭންކްސް ލީކްވެފައިވާ ސަރަހައްދުތައް ސާފުކޮށް ޑީކޮންޓެމިނޭޓް ކުރުމުގައި އަމަލުކުރާނެ ގޮތާއި އެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެންބޮޑުވެފައިވާ ތަންތަނާ ސެޕްޓިކް ޓޭންކް  އޯވަފްލޯވެ، ނަޖިސް ބޭރުވުމާ ވިއްސާރައިގެ ސަބަބުން ފެން ހަރުލާފައި ހުންނަ ތަންތަނުގެ ސަބަބުން ވެސް ބައެއް ބަލިތައް ފެތުރުމަށް ފުރުސަތު ބޮޑު ކަމަށް އެ ބަޔާނުގައި ވެއެވެ. ބަޔާނުގައި ބުނީ އޭގެ ތެރޭގައި ބޭރަށް ހިންގުމާ، ހޮޑުލުން، ބުޅަލާ މީދަލުގެ ނަޖިހުން ފެތުރޭ އެކި ބަލިތަކާ، ފަންގަސް ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ، ޗިކަންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ވިއްސާރައާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުމާ ކުޅެ ނުހެދުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އަދި އެއްވެސް ހާލަތެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެނަމަ ވޯޓަރޕްރޫފް ތަކެތި ބޭނުންކުރުމާ ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުމަށް ވެސް ބަޔާނުގައި ވެއެވެ. އޭގެ އިތުރުން ފެން ހިންދުމާ ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދި މިނިސްޓްރީން ބުނީ ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެދޭ ކަމަށެވެ.

ޚާއްސަކޮށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑުގައި ޖެހުމަށްފަހު ނުވަތަ ސާފުކުރުމުގެ މަސައްކަތް ކުރުމަށްފަހުއާ، ކެއްކުމާ ކެއުމުގެ ކުރިން އަދި ފާޚަނާ ކުރުމަށްފަހު އަތް ދޮވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ. އަދި ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުމާ ގޯއްޗާ ދަނޑުގައި ފެން ބޮޑުވެފައިވާނަމަ އެތަންތަނުގައި ހައްދާފައިވާ ގަހުގައި އަޅާ ކާބޯތަކެތި ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށްފަހު ކެއްކުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ވަނީ އާންމު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: