ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޝަމީމް އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާ ވަނީ މިއަދު ޖުޑީޝިއަރީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ޝަމީމް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައި ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުންނެވެ. ޝަމީމް މަގާމުން ވަކި ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައި ވަނީ އަށް ސަބަބެއް ބަޔާންކޮށް ހަތް ސޮފުހާގެ ސިޓީއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވަނީ، ޝަމީމް ވަކި ކުރުމަށް ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން ހިމެނެއެވެ.

އޭގެ އިތުރުން ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުމުގެ އިތުރުން ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ.

ހުށަހަޅާފައިވާ އަށް ސަބަބުގެ ތެރޭގައި ހިމެނޭ އިތުރު ކަންކަމަކީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާ، ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުމާއެކު ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ރަސޫލާއަށް ފުރައްސާރަ ކުރުމުން ވެސް އެ މައްސަލަ ބަލަން ދެކޮޅު ހެދުމެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްއާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އޭނާ އަދާކުރަންވާނީ، ތައައްސުބުން އެއްކިބާވެހުރެ، މިނިވަންކަމާއެކު ކަމަށް ގާނޫނުގައި ބަޔާން ކުރެއެވެ. އޭގެ އިތުރުން ޕީޖީއަކީ އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށް ވެސް ގާނޫނުގައި ވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އަދި ބާރުތައް ބޭނުންކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި، ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާން ކޮށްފައިވެއެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން ޕީޖީ ވަކިކުރުމުގެ މަސައްކަތް ފަށަން އެންމެ ފުރަތަމަ ޖެހޭނީ ޖުޑިޝަރީ ކޮމިޓީން ފާސްކުރާށެވެ. މަޖިލީހުގެ ތަޅުމުގައި ރިޔާސަތުން އިއުލާނު ކުރާނީ އޭގެ ފަހުންނެވެ. އަދި އެއަށް ފަހު ކޮމިޓީން ގޮތް ނިންމައި، މަޖިލިސް ތަޅުމަށް ހުށަހަޅަން ޖެހޭނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ އެ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން، ޕީޖީ އޭނާގެ މަގާމުން ވަކިކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: