ބިދޭސީއަކު ބުޅާމަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އަދި އެކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ ފިހާރަތަކުގައި ހުންނަ ބައެއް ކާބޯތަކެއްޗަށް ބުޅާ މަސް އަޅައިގެން ހަދާފައި ހުރި ކަމުގެ ރިޕޯޓެއް މިނިސްޓްރީއަށް އައިސްފައި ނުވާ ކަމަށާއި، އެކަން ކަށަވަރު ވެސް ނުވާ ކަމަށެވެ.
އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. ވަރަށް ކައިރިން މަސައްކަތްކުރަމުން މިދަނީ އެކަމާ ގުޅޭ އިދާރާތަކާ އެކީގައި. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން،
އެ މައްސަލަ ކްރިމިނަލް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުން ދާކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ އެތަނުގައި އުފައްދާފައި ހުރި ކާބޯތަކެތި ދެން މިހާރު މާކެޓްގައި ނުހުންނާނެ ކަމަށެވެ. އަދި އެތަކެތި މިނިސްޓްރީއާ ހިސާބަށް އަންނަ ހިސާބުން ފެށިގެން އެމްއެފްޑީއޭއިން ސާމްޕަލްސް ނަގާ އެބަ ޓެސްޓު ކުުރުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބުޅާ މަހުން ކާތަކެތި ތައްޔާރުކޮށް، ވިއްކާ ކަމަށް ބުނާ ބިދޭސީ މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން އިއްޔެގެ ވަގުތެެއްގައި ވަނީ ހާމަކޮށްފައެވެ. އަދި ފުލުހުން ވިދާޅުވެފައިވާނީ އެ މައްސަލައިގައި ތުހުމަތު ކުރަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިންގެ މައްޗަށް ކަމަށެވެ. އެހެންކަމުން އޭނާ މިހާރު ހުރީ ބަންދުގައި ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

