ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ގިނަގުނަ އެހީތައް ލިބެމުންދާ ކަމަށާ، އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ކޮވިޑު ތެރޭގައި ޕްރައިވެޓް ސެކްޓަރުތަކުން ވެދިން އެހީތައް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޗަމްޕާ ބްރަދާސް ކުންފުނީގެ ފަރާތުން ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ޅ. ކުރެންދޫއަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރައްސްމިއްޔާތެއްގައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާއިން ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުވުމަށްޓަކައި އެހީތެރިވާން ތިބިކަން އިހުސާސް ކުރެވޭ ކަމަށެވެ.
ސިއްހީ ދާއިރާ ތަރައްގީވެގެން ދިޔުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެކަމުގެ އުފާވެރިކަމާ ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޚާއްސަގޮތެއްގަ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު އެކުލަވާލެވި، އެ ސިޔާސަތުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ރާއްުޖޭގައި ޕްރައިމަރީ ހެލްތު ކެއާ ނިޒާމް ވަރުގަދަކުރުން ކަމަށެވެ.
ޕްރައިމަރީ ހެލްތު ކެއާގައި އެންމެ މުހިންމު ކަމަކީ ކަސްރަތު ލިބުން ކަމަށާއި ދިގު މުއްދަތަށް ބަލިތައް ތަހަންމަލުކުރާ ފަރާތްތަކަށް ވެސް އެ ބަލިތަކުން އަރައިގަތުމަށް އެންމެ މުހިންމު އެއް ކަމަކީ ފަރުވާއާއެކު ފިޒިއޮތެރަޕީ ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ވަރުގަދަ ކުރެވިގެންދާއިރު ކަސްރަތުލިބުން މުހިއްމު. އޭގެއިތުރުން އެކިއެކި ބަލިތައް ދިގުމުއްދަތަކަށް ތަހައްމަލުކުރާ ފަރާތްތައް އެ ބަލިތަކުން ނެރުމަށްޓަކައި ވެސް އޮތް އެންމެ ފަސޭހަ މަގަކަށް ވެސް މި އޮންނަނީ ފަރުވާއަށް ފަހު ނޫނީ ފަރުވާއާއެކު ފިޒިއޮތެރަޕީ ނުވަތަ ކަސްރަތުގެ ޚިދުމަތް އެ ސެންޓަރަކުން ދިނުން. ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ރާއްޖެ އެތުރިފަ އޮތް ގޮތުން ވަރަށް ބޮޑެތި، ގިނަ ޚަރަދުތަކެއް މިކަމަށް ދާ ކަމެއް…
މިނިސްޓަރު ވިދާޅުވީ މިއަދު ހަދިޔާކުރެވުނު ތަކެތީގެ ސަބަބުން ހއ. ހޯރަފުށި، ޅ. ކުރެންދޫ، އަދި ޅ. ހިންނަވަރުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ ކަމަށެވެ. އަދި އެ ރަށްރަށާ ކައިރީގަ ދިރިއުޅޭ ރައްޔިތުން ވެސް ފިޒިއޮތެރަޕީގެ ޚިދުމަތްތައް ހޯދުމަށް މިހާރު ދުރުތަންތަނަށް ދާންޖެހޭޖެހުމަށް ނިމުމެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

