ސަރުކާރުގެ އެތެރޭގައި ގޯސްތަކެއް އުޅޭކަން ފެންނަ ކަމަށާ ފެނިގެން ދަނީ ކުރިއަށް އޮތް ދުވަސްތަކުގެތެރޭގައި ސަރުކާރުގެ ތެރެއިން ބަޣާވާތެއް ކުރާތަން ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ފައްޔާސް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މާލީ ބަޣާވާތެއް ހިންގަން އުޅުނުކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެމްޑީޕީގެ ލީޑަރޝިޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޕީއެންސީގެ އެތެރެއިން ބަޣާވާތެއް އަންނަ މަންޒަރު ފެންނައިރު، މަޖިލީހުގެ ތެރެއިންނާއި ސޯޝަލްމީޑިއާއިން ފެންނަ ކަންކަމުން ވެސް އެފަދަ އިހުސާސްއެއް ކުރެވޭ ކަމަށެވެ.
ސަރުކާރުން ބުނީ ދިވެހި ރުފިޔާ އެކައުންޓުތަކަށް ބީއެމްއެލްއިން ދެމުން ދިޔަ ޑޮލަރު ސަޕޯޓު ކަނޑާލި ވަގުތު، އިގުތިސާދީ ހާލަތު ކިޔައިދޭން އިދިކޮޅު އެމްޑީޕީން ޕްރެސް ކޮންފެރެންސެއް ބާއްވައި، ފޭކު އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށް ގޮވާލި ކަމަށް ތުހުމަތު ކުރާ ކަމަށާ އެ ޕާޓީން އިސްވެ އޮވެ މާލީ ބަޣާވާތެއް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިއަކު، ދިވެހި ސަރުކާރުން ނުކުމެ، މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކި ވާހައަކީ ދައްކަން ވެސް ލަދުވެތި ވާހަކައެއް ކަމަށެވެ. އަދި އެއީ މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލާވަރުގެ ކަމެއްގެ ގޮތުގައި ފައްޔާޒް ވަނީ އެކަން ސިފަކުރައްވާފައެވެ.
މިއަދު ދައުލަތުގެ އިސްވެރިޔާ ނުކުންނަވާ އެ ބޭފުޅާގެ ކޮންޓްރޯލް އޮތް ބޭންކަކުން އެ ބޭފުޅާގެ ވެރިކަން ބަދަލުކުރަން އޮޕޮޒިޝަނާ އެކު މަސައްކަތްކުރީއޭ ބުނީމާ އަނެއްކާ ވެސް ބޭންކް އޮފް މޯލްޑިވްސް ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް ދުނިޔޭގެ މާލީ ނިޒާމު ތެރޭގަައި މި އެޅުނީ
ޑޮލަރު ލިމިޓް މައްސަލައިގައި އާދިއްތަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން އާންމުކުރި ވަގުތާއި، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރާވައިގެން ކުރި ކަމެއްކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތް ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ސަބަބަކީ އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމަކީ މާ ދުރާލައި އިޝްތިހާރުކޮށް، އޮންނާނެކަން އަންގައިގެން ތައްޔާރުވެގެން ބޭއްވި ބައްދަލުވުމަކަށް ވުން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މާލީ ބަޣާވާތެއް ކަމަށް ބުނެ އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހައްޔަރު ކުރަން އުޅުނަސް އެކަމާ ޖެހިލުން ނުވާ ކަމަށެވެ. ޖަލަށްލާނެ ކަމުގެ ބިރަށް އެމްޑީޕީ ވެސް ދިވެހި ރައްޔިތުން ވެސް ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެގޮތަށް ސަރުކާރުން ކަންކަން ކުރާ ނަމަ، ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

