ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ މިނިސްޓަރު، މުޙައްމަދު ސަޢީދު އެމެރިކާގެ ހައިބޫ މީޑިއާ ގްރޫޕުގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ހައިބޫގެ އުފެއްދުންތަކުގެ މަޤްޞަދާއި ޙާޞިލުކުރެވުނު ކާމިޔާބީގެ ތަޖުރިބާ އެކުންފުނީގެ ފަރާތުން މިނިސްޓަރާ ޙިއްސާކުރެއްވި ކަމަށެވެ. އަދި އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ހައިބޫގެ އުފެއްދުންތަކަކީ ޖަނަވާރުންނާ ވާހަކަދެއްކުމުގެ ޤާބިލުކަން ލިބިފައިވާ 10 އަހަރުގެ ޚިޔާލީ އަންހެން ކުއްޖެއްގެ ތަޖުރިބާތައް ދައްކައިދޭ އެނިމޭޓެޑް އުފެއްދުމެކެވެ. އެގޮތުން އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ތަޖްރިބާ ތަކުގެ ތެރެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ސަލާމަތްކުރުމަށްޓަކައި މުޖްތަމަޢުގެ ސަމާލުކަން ހޯދުމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރެއެވެ.
ހައިބޫގެ ދުނިޔެއަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އުނގަންނައިދޭ ޒަމާނީ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ހައިބޫގެ މަޝްރޫޢުގައި ފޮތްތަކާއި، އެނިމޭޓެޑް ޓީވީ ސީރީޒްތަކާއި، ކުޅޭ ތަކެއްޗާއި، ވީޑިއޯ ގޭމްތަކާއި، ފީޗަރ ފިލްމުތައް ހިމެނެއެވެ.
ހައިބޫ މިޑިއާ ގްރޫޕުން ދިވެހިރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި، އުނގަންނައިދިނުމުގެ ދާއިރާގައި ޙަރަކާކްތެރިވާ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އަދި ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ޒުވާން ފަންނުވެރިންނާ ބައްދަލު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

