ޏ. ފުވައްމުލަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޮޓްގެ ޖެންސެޓެއް އެރަށަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ ފުވައްމުލަކުގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް 1،200 ކިލޯވޮޓްގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފެނަކައިގެ ހާލަތު ރަނގަޅުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ރާއްޖޭގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފެނަކައިން ފޯރުކޮށް ދޭއިރު ބައެއް ރަށްތަކުގެ އެ އިންތިޒާމުތައް ސްޓެލްކޯއިން ވެސް ބަލަހައްޓައެވެ. 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުން އެއީ ސަރުކާރުތަކުގެ ވައުދެއް ނަމަވެސް ބައެއް ރަށްތަކުގައި ޖަނަރޭޓަރުތަކުގައި މައްސަލަތައް ދިމާވެ ކަރަންޓުގެ ހިދުމަތް ވަރަށް ގިނައިން މެދުކެނޑެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނު ވެރިކަމާ ހަވާލިވި އިރު ވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށާއި، ރާއްޖޭގެ ރަށްތަކުގެ ފެނަކައިގެ ބްރާންޗުތައް ހުރީ ވަރަށް ދަށް ފެންވަރުގައި ކަމަށެވެ. އަދި ފެނަކައިގެ ގޯހީ ހަމައެކަނި ދަރަނި ނޫންކަމަށާއި، ޖެންސެޓްތަކާއި އެކި އާލާތްތައް ހުރީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަރާމާތުތައް ނުގެނެސް ކަމަށެވެ. އެހެންވެ ގިނަ ރަށްތަކުގެ މެޝިނަރީސްތައް ބަދަލު ކުރަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ރަށްތަކުގެ ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މިއާއި އެކު ފެނަކަ ކުންފުންޏެއްގެ ގޮތުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރެވުނު މަސައްކަތްތަކުގެ ދަށުން، ބައެއް ރަށްތަކުގެ ކަރަންޓުގެ މައްސަލަ ވަނީ ހައްލު ކުރެވިފައެވެ. ކުރިޔަށް އޮތްތަނުގައި، ފެނަކައިގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

