ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާ ޚަރަދުގެ ބޮޑު ބައެއް ކުޑަކުރެވިގެންދާނެ 100 މެގަވޮޓުގެ ކަރަންޓު އުފައްދާނެ ސޯލާ ސިޓީ ޕްރޮޖެކްޓަކީ ރާއްޖޭގެ އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އައު ދޮރެއް ހުޅުވާލުމުގެ ގޮތުން އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތަކެއް (އެސްއީޒެޑް) ޤާއިމުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްއީޒެޑް ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ މި ސަރަޙައްދުތަކަކީ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގު ފަހިކޮށް، ވިޔަފާރިއަށް ފަހި މާޙައުލެއް އުފެއްދުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ސަރަޙައްދުތަކެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އޭގެ އިތުރުން، މި ސަރަޙައްދުތަކުގައި ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް އެކި ބާވަތުގެ ވިސްނުމާއި ޚިޔާލުތަކާއި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން އިންވެސްޓް ކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިކުރުން ކަމަށެވެ.
އެސްއީޒެޑްތަކުގެ މައިގަނޑު މަޤްޞަދުތައް ހިއްސާކޮށް އެ މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ޞިނާޢީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި މާލީ ކުރިއެރުން އިތުރުކުރުމާއި، ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، ބޭރުގެ ފައިސާ ލިބޭނެ މިންވަރު އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއަށް ޢިލްމާއި، ޓެކްނޮލޮޖީއާއި، ހުނަރު ގެނައުމާއި، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އުފައްދައި އިތުރުކުރުމާއި، މުދަލާއި ޚިދުމަތްތައް އުފެއްދުން އިތުރުކުރުން ވެސް ހިމެނޭ ކަމަށެވެ.
މިގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލަމުން މިނިސްޓަރު ދައުލަތުގެ މީޑިއާއަށް ވިދާޅުވީ ރާއްޖޭގެ ފޮރިން ކަރަންސީ އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާ ޚަރަދު ކަމަށް ކަމުގައެވެ. މިގޮތުން އަހަރަކު ގާތްގަނޑަކަށް 500-600 މިލިއަން އެމެރިކާ ޑޮލަރު ތެޔޮ ގަތުމަށް ޚަރަދުކުރެވޭ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް ކަރަންޓު އުފެއްދުމަށް ބޭނުންކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާމ ޚަރަދުގެ ބޮޑު ބައެއް ކުޑަކުރެވިގެންދާނެ 100 މެގަވޮޓުގެ ކަރަންޓު އުފައްދާނެ ސޯލާ ސިޓީ ޕްރޮޖެކްޓަކީ ރާއްޖޭގެ އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓް ފެށުމުގެ ހުރިހާ މަސައްކަތެއް ދަނީ ނިމެމުން ކަމަށާއި، އުންމީދަކީ އޮކްޓޯބަރު މަހު ފުރިހަމަ ލައިސަންސް ލިބި، ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށުން ކަމަށެވެ. އަދި ތިން އަހަރުގެ ތެރޭގައި 100 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތެލުގެ އިމްޕޯޓަށް ކުރާ ޚަރަދު މަދުވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއިރު 2028 ވަނަ ޢަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.
އޭގެ އިތުރުން އިހަވަންދިއްޕޮޅުގައި ޤާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބަންކަރިންގ ޚިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެ ބޯޓު ހޯދާފައިވާ ކަމަށާއި، މި ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ފެށޭނީ ބަންކަރިންގ ޚިދުމަތް ކަމަށާއި، މި މަޝްރޫޢުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ކަސްޓަމްސް، ޑިފެންސް، ޕޮލިސް އަދި އެސްޓީއޯ ހަރަކާތްތެރި ވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، މިއީ 250 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ހަފުތާގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ލިބޭނެ ކަމަށާއި، މި ބޭންކުން ކުރިމަގުގައި ދިވެހިންނަށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

