ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ”ޤައުމީ ލަވަ އަލްބަމް“ ނެރެފިއެވެ.
ޖުމުލަ ހަ ލަވަ ހިމެނޭ މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ ”ދިވެހީން“ މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ޒުވާން ލަވަކިޔުންތެރިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިތުރަށް މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ މި ފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނަކީ އާދަމް ނަޞީރު އިބްރާހީމް، ޢަބްދުއްރަހީމް ޢަބްދުﷲ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، އާދަމް ޢަބްދުއްރަޙްމާން، އިއްޒަތު އަޙުމަދު ނިޒާރު، އަދި ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސައީދު ކަމަށެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭނެ ކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވާނެ ކަމަށެވެ.
މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް އަދި ލާންސް ކޯޕްރަލް މޫސާ ކަލީމް ހިމެނެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކޮށްފައެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ބުނެއެވެ.
މި އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.
އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި، އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ.

