ފަސް މިލިއަން ގަސް ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފަސް މިލިއަން ގަސް ޕްރޮޖެކްޓުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާއިފް އާއި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައ އެ ޕްރޮޖެކްޓުގެ މަސައްކަތްތައް އަވަސް ކުރުމާއި، ރިސޯޓުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބޭއްވި މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ނާއިފް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ ރިސޯޓުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހް ކޮށްފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ. މި ޕްރޮޖެކްޓުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ފަސް މިލިއަން ގަސް އިންދުމެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ގަސް އިންދިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

