ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އިންޑިއާގެ މުންބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ލިންކް ޕްރޮޖެކްޓް، ’ތިލަމާލޭ‘ ގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އެ މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި، ޕްރޮޖެކްޓް ކުރިއަށްދާ މިންވަރު ބެލުމަށްޓަކައި ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި ބައްދަލުވުމުގެ މަޤްޞަދަކީ ޕްރޮޖެކްޓް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި މިނިސްޓްރީތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެންމެ އިސް ފަންތީގެ ބޭފުޅުންގެ ޝާމިލްވުމާއެކު ކަނޑައެޅިފަިވާ މުއްތަތަށް މަސައްކަތް ނިންމޭނެކަން ކަށަވަރު ކުރުން ކަމަށެވެ.
މިހާތަނަށް ޕްރޮޖެކްޓްގެ 43.59 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ހާމަ ކޮށްފައެވެ. އަދި މާލެއިން ގުޅީފަޅާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ މާރިޗު 31 ވަނަ ދުވަހު ކަމަށާ ގުޅީފަޅުން ތިލަފުށްޓާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ވަނަ ދުވަހުކަމައް ވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުމުގައި ޑރ. މުއްޠަލިބާއެކު ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތާޢާމް މުޙައްމަދު، މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދު، އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

