ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމަށް އެމްޑީޕީ ބުނެފިއެވެ.
އަންހެނެއް ރަހީނު ކުރި މައްސަލައެއްގައި ޖަލު ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވިތާ، މަހެއް ނުވަނީސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ބަންދުގައި ހުރި 62 އަހަރުގެ މީހަކު ވެސް ވަނީ ދަންޖެހިގެން އަމިއްލައަށް މަރުވެފަ އެވެ. އޭނާ ދަންޖެހިފައި ހުރިކަން، ޖަލު އޮފިސަރުންނަށް އެނގުނީ ހެނދުނު ސައި ހަވާލު ކުރުމަށް ގޮޅިއަށް ދިޔަ ވަގުތު އެވެ.
އެ މައްސަލައިގައި އެމްޑީޕީ ނެރުނު ބަޔާނެއްގައި ބުނީ، ޖަލު ބަންދުގައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް ތަކުރާރުވަމުންދާކަމަށެވެ. އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގެ ހައްޔަރުގައި ހުއްޓައި އާދަމް އަތުހަރު، ދަންޖެހި މަރުވުމުން އެކަމަށް ވެސް ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އެބައޮތްކަން ބަޔާނުގައި ފާހަގަކުރި އެވެ.
އަތުހަރުގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް، އަނެއްކާވެސް އެފަދަ ހާދިސާއެއް ހިނގުމުން ކަންބޮޑުވާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީއިން ބުނެފައިވަނީ ދާދި ފަހުން އެފަދަ ހާދިސާއެއް ތަކުރާރުވެފައިވާއިރު، މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެ ޕާޓީން ގަބޫލު ކުރާކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ބަންދުގައި ތިބޭ ގައިދީން ޖަލުގައި މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތްކަމަށެވެ. އެހެންކަމުން އެކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް އެމްޑީޕީއިން ދައުލަތުގެ މުއައްސަސާތަކަށް ވަނީ ގޮވާލައިފައެވެ. އަދި މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް ވެސް ގޮވާލާފައި ވެއެވެ.

