ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަތައް މުރާޖަޢާކުރުމަށް ހުޅުވާލި ފުރުޞަތުގެ ތެރެއިން 500 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ކޯޓުތަކުގައި ހިނގަމުންދާ ދަޢުވާތަކާއި އިސްތިއުނާފު މަރުޙަލާގައިވާ މައްސަލަތަކުގައި ހައްޔަރުގައި ނުވަތަ ބަންދުގައި ތިބި ފަރާތްތަކުގެ ބަންދު މުރާޖަޢާކުރުމަށް 1 އޮކްޓޯބަރު 2024 އިން ފެށިގެން 20 ދުވަހުގެ މުއްދަތެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިނެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ 539 ހުށަހެޅުން ލިބިފައިވާ ކަމަށާއި، މި ހުށަހެޅުންތައް މިހާރު މުރާޖަޢާކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) އާއި (އ) ގެ ދަށުން، މިފަދަ މައްސަލަތައް މުރާޖަޢާކުރުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. މި ޒިންމާ އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޚާއްޞަ މުރާޖަޢާ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ.
މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ހުށަހެޅިފައިވާ މައްސަލަތައް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ކަމާގުޅޭ ގަވާއިދުތަކުގެ އަލީގައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލަފާ އެރުވުމެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ޕްރޮސެކިއުޓަރ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ.

