ރައްޔިތުނުްގެ ފައިސާއިން ހަރަދުކޮށްގެން ހިންގޭ މަޝްރޫޢުތަކަކީ ކުރާ ހޭދައާއި އެކަށީގެންވާ ނަތީޖާތަކެއް ނުކުންނަ މަސައްކަތްތަކެއް ކަމަށް ވާން އެބަޖެހެއެވެ. ހާއްސަ ގޮތެއްގައި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރެއިން ތަކުރާރުކޮށް އެއް މަސައްކަތެއް ކުރުމަށްޓަކައި ހަރަދުކުރަންޖެހުމަކީ ބޮޑު ބުރައަކަށް ވެގެންދެއެވެ. ދާދި ފަހުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ނިންމާފައިވާ މާލޭގެ އަމީނީ މަގުގެ ތާރަގަނޑުގެ އޮމާންކަން ގެއްލި ގިނަ ދުވަސްތަކެއް ނުވަނީސް ރާޅުތަކެއް ނަގާފައިހުރުމަކީ މިކަމުގެ ފުރިހަމަ މިސާލެކެވެ. މިއަދު އެތަން އެއޮތީ އަލުން ހަދަންޖެހޭ ހިސާބުގައެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށައަޅާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓުގައި މިކަމަށް ރިއާޔަތްކުރެވިފައިވެއެވެ. އެގޮތުން ދައުލަތުން ހަރަދެއްކޮށްގެން ހިންގާ ކޮންމެ މަޝްރޫޢުއަކީވެސް ނަތީޖާއެއް ހާސިލުކުރެވޭނެ މަޝްރޫޢުއެއްކަން ޔަގީންކުރުމަށްޓަކައި ކަންކަން ރާވައި ތަރުތީބުކޮށްގެން ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށް އެހީވެދޭނެ ކަންކަން ބަޖެޓުގައި ހިމަނާފައިވާކަމަށާއި ހަގީގީ އަންދާޒާތައް ހިމެނޭ ޕީއެސްއައިޕީ ޕްލޭނެ އެކުލަވާލާފައިވާނެކަމަށް މައުލޫމާތު ދީފައިވެއެވެ.
މި އަހަރު ވެގެންދިޔައީ މިގޮތުގެ މަތިން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނު އަހަރަކަށެވެ. ސަރުކާރުން ބުނާގޮތުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިިލީހުންވަނީ 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ގޯސްތަކެއް ހަދާފައިކަން އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތައް ހުއްޓުމަކަށް އައުމާއި ގާތަށް ދިޔަކަންވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިލިއަނުން ހަރަދުވާ މަޝްރޫޢުތައް ހިންގުމަށްޓަކައި ހަގީގަތާއި ނުބައްދަލު އަގުތައް ހިމަނައިގެން ބަޖެޓު އެކުލަވާލުމުން ދަތިތައް ކުރިމަތިވީ ރައްޔިތުންނަށެވެ. ސަރުކާރަށް ޖެހުނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށްވާއިރު ރައީސުލްޖުމުހޫރިއްޔާއަށް މުސާރައިގެ އެއްބައި ދޫކޮށްލުމަށްވެސް ކުރިމަތިކުރުވިއެވެ.
ބަޖެޓު ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ހަގީގީ އަންދާޒާތަކުގެ މައްޗަށް އެކުލަވާލާފައިވާ ޕީއެސްއައިޕީ ޕްލޭނާއިއެކު އަހަރުގެ ތެރޭގައި މަޝްރޫޢުތަކުގެ މަސައްކަތްތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެކަން ޔަގީންކުރެވިގެންދެއެވެ. އަދި އެކަމުގެ ސަބަބުން ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް ނިންމި ދައުލަތުގެ މާލިއްޔާގެ ފުދުންތެރިކަމާއި އެއްހަމަ މިންވަރެއްގައި އެ މަސައްކަތްތަކަށް ކުރާ ހޭދަ ހިފެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގެ މާހައުލުވެސް އަމިއްލަ އަތްމައްޗަަށް ނަގުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށްޓަކައި އެކުލަވާލެވިފައިވާ ބަޖެޓެއްކަން ފެނިގެންދެއެވެ.
ކުރިއަށް އޮތް އަހަރުގެ ޖުމުލަ ބަޖެޓަކީ 56.6 ބިލިއަންގެ ބަޖެޓެއްކަމަށްވާއިރު ޖުމުލަ ހަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 49.2 ބިލިއަން ރުފިޔާގެ ތެރެއިން 13.3 ބިލިއަން ބޭނުންކުރެވިގެންދާނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ކުރިއަށް ގެންދާނެ މަސައްކަތްތަކަށް ކެޕިޓަލް ދޫކުރުމުގެ ގޮތުންނާއި ރާއްޖެއަށް ބޭނުންވާ މުހިންމު އިންވެސްޓުމެންޓުތަކަށް 378 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ރާއްޖޭގެ ރައްޔިތުންނަށް ގެދޮރު ބިނާކުރުމުގައި އެހީތެރިކަން ފޯޯރުވުމަށްޓަކައި 5 އިންސައްތައިގެ އިންޓްރެސްޓުގައި ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ. މިއީ އެއް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ގެދޮރުވެރިކަން ހާސިލުކޮށްދިނުމުގެ މަގުސަދުގައި އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކުރުމަށް ނިންމިފައިވާ އަހަރުކަން ފާހަގަކުރުން މުހިންމެވެ.
މާލީ ހާލަތު ތަން ނުދިނަސް ދަރަނިވެރިވެގެންވިޔަސް ރައްޔިތުންގެ ސިއްހަތު ބެލެހެއްޓުން ކޮންމެ ގައުމެއް އަދި ކޮންމެ ސަރުކާރަކަށްވެސް މުހިންމުވެގެންދާނެއެވެ. އެހެންނަމަވެސް ވިސްނުންތެރިކަމެއް ނެތި ކުރެވިފައިވާ މަސައްކަތްތަކާއި ކުއްލި ނިންމުންތަކުގެ އިތުރުން ހަރަދުނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވުމުން ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ހޭދަތައްވަނީ ޖުމުލަ މާލިއްޔާތަކަށާއި ރައްޔިތުންނަށްވެސް ބޮޑު ބުރައަކަށް ވެފައެވެ. ކޮންމެ އަހަރަކުވެސް އާސަންދައިގެ ބަޖެޓު ހުސްވެ އެކަމަށް އިތުރު ފައިސާތަކެއް ހަމަޖައްސަންޖެހެއެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މަޖުބޫރުވެ ބޮޑެތި ހަރަދުތަކެއްވެސް ކުރަންޖެހުން ހިމެނެއެވެ.
ދިވެހިންގެ ސިއްހީ ކަންކަން ރާއްޖޭގައި ބެލެހެއްޓޭނެ އިންތިޒާމުތަކެއް ކޮންމެހެންވެސް ބޭނުންތެރިއެވެ. ސަރުކާރުންވަނީ 2025 ވަނަ އަހަރުގެ ބަޖެޓު މެދުވެރިކޮށް ދިވެހިންނަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދު ހާސިލުކުރުމަށް އަމާޒު ހިފާފައެވެ. މި އަހަރުގެ ތެރޭގައި ހިދުމަތްތެރި ސިއްހީ ނިޒާމެއްގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ހިމަނާފައެވެ. އެގޮތުން ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވާއިރު އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ސަރުކާރުން އިސްކަމެއް ދޭކަން ބަޖެޓު މަސައްކަތްތަކުގެ ބޭރުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާލުމުންވެސް ފެނިގެންދެއެވެ. ދާދި ފަހުން ރައީސް މުއިއްޒުވަނީ ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަމުންދިއުމާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ އިތުރުކޮށްފައިވާއިރު އެތަކެތި ޒުވާން އުމުރުފުރާތަކުގެ ކުދިންނަށް ވިއްކުން މަނާކޮށްފައިވުން އިތުރަށް ހަރުދަނާކުރުމާއި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެ ވަބާއިން ދުރުވުމަށް އެހީތެރިވެދިނުމަށްވެސް ފިޔަވަޅުތައް ތަންފީޒުކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ. ދާދި ފަހުން ދިވެހިން އަދި ދުނިޔެމަތީގައިވެސް މަގުބޫލުކަން ހާސިލުކޮށްފައިވާ މިފަދަ އާލާތެއްކަމަށްވާ ވޭޕު މަނާކުރުމަކީވެސް މި މަގުން އެޅިފައިވާ ވަރުގަދަ ފިޔަވަޅެކެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އިތުރުވަމުންދާ އާބާދީއާއިއެކު ބޭނުންވާ އިންފްރާސްޓްރަކްޗާ އިތުރުކުރުމަށްވެސް ސަރުކާރުން 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެގޮތުން ތައުލީމީ ދާއިރާގެ މަސައްކަތްތައް ފާހަގަކުރެވޭއިރު ހުޅުމާލޭގެ އާބާދީ އިތުރުވަމުން އައުމާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ޖާގަލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މަސައްކަތްތައް ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ދީނީ ކުލަވަރުތައް ގެއްލިގެން ނުދާކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުންވަނީ މިފަހާއި ޖެހެންދެންވެސް ހައްލެއް ނެތްކަމަށް ފެނިގެންދިޔަ މަްއސަލައެއްކަމަށްވާ އަރަބިއްޔާ ސުކޫލުގެ އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ބަޖެޓުކޮށްފައެވެ. ހަމަ އެގޮތުން ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ހިފެހެއްޓުމެއް ނެތި ތައުލީމީ ފުރުސަތުތައް ފަހިވެގެންދާކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްތައް ކުރުމަށްވެސް ބަޖެޓުން ޖާގަ ލިބިގެންދާނެކަމަށް މިނިސްޓަރު ޒަމީރު މައުޅޫމާތު ދެއްވިއެވެ.

