ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް އަހަރެއް: ފަތުރުވެރިކަން ފުޅާކޮށް، ފަތުރުވެރިކަމަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ހާއްސަ މަޝްރޫއުތަކެއް!

ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިނާރުކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތު، ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވިގެން ދިޔައެވެ. މި ދާއިރާ އޭގެ ފެށުމުގެ އަހަރުތަކުގައި ވެސް ހަލުވި ދުވެލީގައި ކުރިއަރައި، އެތައް ސަފުހަތަކެއް ކުރިއަށް ޖެހިގެން ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ތަހުޒީބީ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ މިލިއަނުން ގުނާލެވޭ ފަތުރުވެރިންނާއި، ގިނަގުނަ އިންވެސްޓްމަންޓްތައް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަމާޒުވެގެން ދިޔައެވެ.“

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަދިވެސް ތަރައްޤީކުރެވިދާނެ ގިނަ ފުރުޞަތުތަކެއް ވުޖޫދުގައި އެބަހުއްޓެވެ. ޤާނޫނީ އޮނިގަނޑަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިއްޖެނަމަ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ގިނަ ގުނައަކަށް އިތުރުކުރެވިދާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާ 52 އަހަރު ފުރިފައިވާއިރު، މިހާރު ރާއްޖޭގައި 280 ރިސޯޓު ހިންގަމުންދެއެވެ. މި ދާއިރާ އިތުރަށް ކުރިއެރުވުމަށް އައު އިސްތިރާޖުތަކެއް އެކުލަވާލުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއެކު، އިބްރާހީމް ފައިޞަލް ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވުމަށްފަހު، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތަކެއް ވަނީ ގެނެވިފައެވެ.

މި ގޮތުން، މާލެ އާއި ހުޅުމާލޭގައި އިތުރު ޓްރާންސިޓް ހޮޓާތަކެއް ޤާއިމުކުރުމަށް މަގުފަހިކޮށްދެވިފައިވެއެވެ. ޓްރާންސިޓް ހޮޓާތަކާ ގުޅޭ ގޮތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ ސިޔާސަތު ކަރުދާސް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. މިއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ފަށައިގަތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ނިމުމާއެކު އިތުރުވާނެ ޑިމާންޑަށް ރިޢާޔަތްކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެ އިތުރުން، ޓްރެވަލް އޭޖެންސީތަކާ ބެހޭ ބިލެއް ޑްރާފްޓްކޮށް، އޭގެ ސިޔާސަތު ކަރުދާސް ބަންޑާރަ ނައިބުގެ އޮފީހާ ހިއްސާކުރެވިފައިވެއެވެ. ވޭތުވެދިޔަ މުއްދަތުގައި މަޞްލަޙަތުވެރިންނާއެކު ވަރކްޝޮޕެއް ބޭއްވިފައިވާއިރު، ޑްރާފްޓް ބިލާ ގުޅޭގޮތުން މަޞްލަޙަތުވެރިންގެ ލަފާ މިނިސްޓްރީން ވަނީ ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވާ މަޢުލޫމާތުގެ އަލީގައި، ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެވިފައިވާ މުހިންމު ބަދަލުތަކާއި ކުރިއެރުންތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ:

ފަތުރުވެރިކަމުގެ ޤާނޫނާއި ގަވާއިދުތަކަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމާއި، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 2 ވަނަ އިޞްލާޙު ގެނައުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް 13 ވަނަ އިޞްލާޙުވެސް ގެނެވިފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުމެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް ހުރިކަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން، ކުރިމަގުގައި ދިވެހިންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި އިސް ދައުރެއް އަދާކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

އަންހެނުން ބާރުވެރިކުރުމަށްޓަކައި ”ފަހި ފަތުރުވެރިކަމަށް އަންހެނުން“ ޕްރޮގްރާމް ތަޢާރަފުކުރެވި، 58 ދަރިވަރުން 38 ރިސޯޓަކުން ހުށަހަޅާފައިވާ ދާއިރާތަކަށް ބައިވެރިވުމަށް ކުރިމަތިލާފައިވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވެއެވެ.

ރާއްޖޭގެ ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ”އައްސޭރި ޓޫރިޒަމް“ މަޝްރޫޢު އެކުލަވާލެވި، އައްޑޫ ސިޓީގައި 6,000 އެނދުގެ މަޝްރޫޢެއް ހިންގައި، ސީޕްލޭން ހަބެއް ޤާއިމްކޮށް 10,000 ވަޒީފާ އުފެއްދުމަށް ރޭވިފައިވެއެވެ. އަދި ”ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024“ ގެ ނަމުގައި މަހާސިންތާއެއްވެސް ބޭއްވިފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ހަރުދަނާކޮށް، އޭގެ ނަފާ އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި މިހާރު ގެންގުޅޭ އުސޫލު އިޞްލާޙުކުރެވި، ހާމަކަން ބޮޑު އާ އުސޫލެއް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. މި އުސޫލުގެ ދަށުން، އިންވެސްޓްމަންޓްގެ ބޮޑުމިނާއި، އޭގެން މާލިއްޔަތަށާއި ސީދާ ރައްޔިތުންނަށް ކުރާނެ ނަފާއާއި ފައިދާއަށް އިތުރު އަހައްމިއްޔަތުކަމެއް ދެވޭނެއެވެ.

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި، ”މޯލްޑިވިއަން“ އިން ފަތުރުވެރިންގެ އަތުން އެތެރޭގެ އުދުހުންތަކަށް ނަގަމުން އަންނަ އަގުތައް މުރާޖަޢާކޮށް، ފަތުރުވެރިންގެ އަދަދު އިތުރުވާނެ މިންވަރެއްގައި ދެމެހެއްޓުމަށް މަސައްކަތްކުރެވޭނެއެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވެ، ލޯކަލް ޓޫރިޒަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރެވެއެވެ.

ޖުމްލަކޮށް ބަލާއިރު، މި ހުރިހާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، އޭގެ މަންފާ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބިދިނުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއަރައި، ގިނަ ދިވެހިންނަށް މި ދާއިރާއިން ފައިދާކުރަނިވި ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: