ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުރި ބާގަނޑުތައް ޙައްލު ކުރުމަށް ރައީސް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ޚިދުމަތް ކުރިއެރުވުމަށް މަސައްކަތް ކޮށްފައި ނުވަނީ ކީއްވެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެއް ކަމަށެވެ.
އެ ސުވާލު މިހާރުގެ ރައީސްވެސް އަޑުއައްސަވާފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ދައުލަތުގެ މާލިއްޔާއިން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އިމާރަތްކޮށްފައިވާ ހޮސްޕިޓަލެއް ކަމަށެވެ.
އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލާމެދު އިހުމާލުވެ ދޫކޮށްލާފައި އޮތް އޮތުން އެއީ ރައްޔިިތުުންނާމެދު ވެފައިވާ އިހުމާލެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި މާލިއްޔާއިން ގާތްގަނޑަކަށް 200 އެތައް މިލިއަން ޑޮލަރެއް، އަޅުގަނޑު މި ދަންނަވަނީ 3000 އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އެޅިފައިވާ މި އިމާރާތަށް އިހުމާލުވެ ދޫކޮށްލެވިފައި އޮތް އޮތުން އެއީ ރައްޔިތުންނަށް ވެފައިވާ ބޮޑު އިހުމާލެއްގެ ގޮތުގައި ރައްޔިތުން ދެކޭ
އޭގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ބާގަނޑުތައް ޙައްލު ކުރުމަށް ރައީސް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ، ހެލްތް އިންޝުއަރެންސް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތަކީވެސް ރައީސްގެ ސިއްޙީ ސިޔާސަތުގެ ދަށުން، ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރެވެމުންދާ މަސައްކަތްތައްކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ނިންމަން އުނދަގޫ ނަމަވެސް މުހިއްމު ނިންމުންތަކެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ނިޒާމެއްގެ ގޮތުގައި ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާވެސް ފޮނިވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވަނީ ރާއްޖޭހެ ސިއްޙީ ނިޒާމުގެ ގަވަނަންސް ހަރުދަނާކޮށް، ސިއްޙީ ދާއިރާގެ މީހުން ބިނާ ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެކަމަށްވެސް ވިދާޅުވެފައެވެ.

