ދުންފަތް ކޮންޓްރޯލްކުރަން ކުރި މަސަައްކަތްތަކަކީ އާމްދަނީ ހޯދަން ކުރި މަސައްކަތްތަކެއް ނޫންކަމަށާއި، އެފަދަ ނިޔަތެއް އޮތް ނަމަ ބޮޑު ކުރާނީ ޑިއުޓީކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މަމްދޫހުވަނީ ސަރުކާރުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. މަމްދޫހު ވިދާޅުވީ، އެމްޑީޕީން މައިގަނޑު ގޮތެއްގައި ފާޑުކިޔަމުން ދަނީ ސިނގިރޭޓުވެސް މަނާކުރުމުގެ ބަދަލުގައި ޑިއުޓީ ބޮޑުކޮށްފައިވާތީ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިކަމުގެ ތެރެއިން އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރިނަމަ، ވޭޕް ބޭންކުރުމުގެ ބަދަލުގައި ޑިއުޓީ ބޮޑުކުރާނީކަމަށް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ވޭޕުން ޑިއުޓީ ބޮޑުކޮށްގެން 500 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ދައުލަތަށް ވެއްދެން އޮތްކަމަށެވެ. ނަމަވެސް ސަރުކާރުގެ ނިންމުމުމަކީ، ގައުމުގެ މުސްތަގުބަލަށްޓަކައި ވޭޕް މަނާކުރުންކަމަށް ވާތީ މިއީ އާމްދަނީއެއް ހޯދުމުގެ ނިޔަތުގައި އަޅާފައިވާ ފިޔަވަޅެއް ނޫންކަން ވެސް އެނގިގެންދާކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފާޑުކިޔާ ފަރާތްތަކުން އެ ވާހަކަ ނުދައްކާކަމަށާއި އާމްދަނީއެއް ހޯދުމުގެ މަގުސަދުގައި ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރިނަމަ ޔަގީނުންވެސް އާމްދަނީ އިތުރުކުރެވުނީސްކަމަށެވެ.
މަމްދޫހު ވިދާޅުވީ، ސަރުކާރުން ވޭޕު މަނާކުރުމަށް ނިންމީ އަންނަން އޮތް ޖީލުތައް ވޭޕާއި ދުންފަތުގެ ވަބާއިން ރައްކައުތެރިކޮށްދިނުމުގެ ސަލާމަތްކުރުމުގެ މަގުސަދުގައިކަމަށެވެ. މެމްބަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ސިއްހީގޮތުން ލިބިގެންދާ ގެއްލުންތަކުން ދިވެހި ރައްޔިތުން ރައްކައުތެރިކޮށް ސަލާމަތްކުރުންކަމަށެވެ. އަދި އާމްދަނީގެ ވިސްނުމުގައި ސަރުކާރުން ކަންކަން ކުރާނަމަ، އިސްލާހުތައް ގެންނާނީ އިސްވެ ދެންނެވި ގޮތުގެ މަތިންކަމަށް ފާހަގަކުރެއްވިއެވެ.
މަމްދޫހު ވަނީ ބައެއް ނިންމުންތައް ބަދަލުކޮށްފައިވާކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ހަގީގަތުގައި ބައެއް ސިޔާސަތުތަކަށް ބަދަލުތައް ގެންނަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ރިއާޔަތްްކޮށް ގެންނަ އިސްލާހެއް ނުވަތަ ތަންފީޒުކުރާ ކަމެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ވެގެންދާނަ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހާލަތުގައި ބައެއް ބަދަލުތައް ގެނެސްފައިވާނެކަމަށާއި އޭގެންވެސް ރައްޔިތުންނަށް ފައިދާވާ މަގުން ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފެނިގެންދާކަމަށެވެ.
މެމްބަރު ވިދާޅުވީ، ވަކި ސިޔާސަތެއް ނުވަތަ ނިންމުމެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭނަމަ އެ ނިންމުން ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންވެސް ގަބޫލުކުރާ އުސޫލުކަމަށާއި ސަރުކާރުތަކުން ތަންފީޒުކުރާކަމެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއްވާނަމަ އެކަމާއި ޝުއޫރު ފާޅުކުރާނެކަމަށެވެ. އަދި މި ސަރުކާރުންވަނީ މީގެ ކުރިން އެފަދަ ކަންކަމުގައި ރައްޔިތުން އަޑުނާހާ އޮތް އޮތުން ނިމުމަކަށް ގެނެސް މިހާރު ފެނިގެންދަނީ ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތައް ބައްޓަންކުރާ މަންޒަރުކަމަށެވެ.

