ހިޔަނާތްތަކާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި ފިޔަވަޅު އެޅެން އޮތީ ކުރެވޭ ތުހުމަތުތަކާއި ގުޅޭ މައުލޫމާތު ލިބޭ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ރިޕޯޓުތަކަށް ރިއާޔަތްކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ރިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް އޮތުމަކީ، މައްސަލަތައް ނުބަލައި ދޫކޮށްލުން ނޫންކަމަށެވެ. ނުވަތަ ރަބަރ ސްޓޭމްޕް ޖަހާ އުސޫލުން މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލަކަށް ދޭން ޖެހޭ ވަގުތު ދީ ދިރާސާ ކުރާކަމަށް ރިފާއު ވިދާޅުވި އެވެ. އަދި ބައެއް ބިލުތަކަށް ކޮމިޓީ މަރުހަލާގައި ބަދަލެއް ގެނެސްފައި ނުވުމަކީ އަވަސް އަރުވާލައިގެން އިސްލާހެއް ފާސްކުރުން ނޫންކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެއްގެ ގޮތުގައި، އެ މެމްބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީން ވަކިވުން ނުވަތަ އެހެން ޕާޓީއަކާއި ގުޅުން ހިމަނައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މަސައްކަތް މަޑު ގަޑިއިރެއްގެ ތެރޭގައި ނިންމައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އަމާޒުވާ ފާޑުކިއުންތަކަށް ރިފާއު ރައްދު ދެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ މިއީ ކޮމިޓީގައި މާ ގިނަ ވަގުތު ނަގައި، މަސައްކަތް ކުރަން ޖެހޭ އިސްލާހަކަށް ނުވާތީ ބޭކާރު ދުވަސްތައް އެކަމުގައި ހޭދަ ކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
މީގެއިތުރުން މަޖިލީހުގެ ތެރޭގައި ކުރަމުން ގެންދާ މަސައްކަތާއި އެކު، ކުރީ ސަރުކާރުގެ މައްޗަށް ކުރެވޭ އެކި ހިޔާނާތުގެ މައްސަލަތަކާއި ގުޅޭގޮތުން ރިފާއު ވާހަކަ ދެއްކެވި އެވެ. ރިފާއު ވިދާޅުވީ މަޖިލީހަށް އެކި ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރެވިފައިވާނެކަމަށާއި، އަދި މި ސަރުކާރާއި ގުޅޭގޮތުން ދެކެވޭ ބައެއް ވާހަކަތައް ވެސް ސާފު ކުރުމަށް މަޖިލީހުގައި މަސައްކަތްކޮށްފައިވާނެކަމަށެވެ.
ރިފާއު ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ޒިންމާއެއް ނޫންކަމަށެވެ. އަދި މަޖިލީހަށް އޮތީ މުވައްސަސާތައް ޒިމްމާދާރު ކުރުވުންކަމަށް ވާތީ، ކުރެވޭ އެކި މައްސަލަތައް ބަލައި ތަހުގީގުކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދެނީކަމަށް ރިފާއު ވިދާޅުވި އެވެ.
އެހެންވީމަ މިހާރު، ކުންފުނިތަކުން އެ އޮޑިޓުތައް ކުރެވި.. އެއްޗިސްތައް އައިމަ އަޅުގަނޑުމެންނަށް މަޖިލީހުގެ ތެރެއިން އެ މަސައްކަތްތައް ކުރެވޭނީ.. މިހާރު ވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އިންގޮތުންކަމަށްވަންޏާ ފެނަކައިގެ ވަރަށް ގިނަ މައްސަލަތައް އޮޑިޓު ކުރެވި ވަނީ އެ މައްސަލަތައް މިހާރު ވަނީ އޭސީސީއަށް ފޮނުވާފައި. ހަގީގަތުގައި މަޖިލީހަކީ މި މައްސަލަތައް ބަލަން އޮންނަ ތަނެއް ނޫން… މަޖިލީހަކީ އެހެން ތަންތަން ޒިންމާދާރު ކުރުވަން އޮންނަތަން.. އެހެންވެ އަޅުގަނޑުމެން މި ބުނަނީ މި މައްސަލަ ބަލައިދޭށޭ.. އަޅުގަނޑުމެން މި ބުނަނީ އޮޑިޓަރ ޖެނެރަލް ކައިރީގައި ނުވަތަ އޭސީސީ ކައިރީގައި..
މީގެއިތުރުން ރިފާއު ވިދާޅުވީ މިނިވަން މުވައްސަސާތައް ހަރުދަނާކޮށް، ހިންގުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އޭސީސީއާއި، އެޗްއާރުސީއެމް ފަދަ ކޮމިޝަންތަކުގެ މެމްބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބަލައި ބައެއް މެމްބަރުން ވަކި ކުރުމަށް ނިންމިކަން ރިފާއު ފާހަގަކުރެއްވި އެވެ.

