ރާއްޖޭގައި ވޭޕް ބޭނުންކޮށް، ވޭޕް ވިއްކުން މަނާވުމާއި ގުޅިގެން ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މިހާތަަނަށް އެފަދަ މައްސަލައެއްގައި މީހަކު ޖޫރިމަނާ ކޮށްފައިނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އެކަމާ ގުޅޭގޮތުން ”ސަންގުން“ ސުވާލުކޮށްލުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވޭޕް ބޭނުންކޮށްގެން ނުވަތަ ވިއްކައިގެން އަދި ބަހައިގެން ވެސް އެއްވެސް މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިނުވާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާއަށް މި މަހުގެ 15 ގައި ވަނީ އަމަލު ކުރަން ފަށާފަ އެވެ. މި ގާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ވިއްކުން މަނާވާނެ އެވެ.
ގާނޫނު ތަންފީޒު ކުރުމާ ގުޅޭގޮތުން މިރޭ އާންމު ކުރި ބަޔާނެއްގައި ފުލުހުން ބުނީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށާއި، ވޭޕްކުރުމަށް ބޭނުން ކުރާ އާލަތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމުގެ އަމަލުތައް ހިނގާނަމަ އެ ބަޔަކާއި މެދު ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ގަވައިދާ ހިލާފުވެގެން ޖުރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އަންގާނީ އެ މީހެއްގެ މޮބައިލް ފޯނަށް ފޮނުވާ މެސެޖަކުންނެވެ. މި މެސެޖުގައި ހިމަނާފައިވާ ވާރުޕޭ ލިންކު މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭނެކަމަށް ފުލުހުން ބުންޏެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު، ވޭޕް ބޭނުން ކުރާ މީހުންނަށް 5000ޖުރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ވިއްކައި އޭގެއިން ވިޔަފާރި ކުރާނަމަ އެ މީހަކަށް 20،000 ރުފިޔާއިން ޖުރިމަނާކޮށް، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

