ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ކުރިޔަށް ގެންދާ ”އޮޕަރޭޝަން ކުރަނގި“ ދަށުން 18،000 އަށް ވުރެ ގިނަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގައިފި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުންދާއިރު، އެ މީހުންގެ ޖުމްލަ އަދަދު އަންދާޒާ ކުރާ މިންވަރަށް ވުރެ ބޮޑުތަނުން އިތުރުވާނެ އެވެ. އެގޮތުން މާލޭގެ ސަރަހައްދުގައި އެކަނި ވެސް އުޅޭ ބިދޭސީންގެ އަދަދު ލައްކައަކަށް ވުރެ މަތިވާނެކަމަށް ބައެއް މައުލޫމާތުތަކުން ދައްކަ އެވެ.
ކުރީ ސަރުކާރުން ވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ޕްރޮގްރާމެއް ފެށި ނަމަވެސް، އެ މަސައްކަތް ފަހުން ހުއްޓުނެވެ. އަދި މި ސަރުކާރުން ވަނީ ބިދޭސީންގެ ޖުމްލަ އަދަދު ދެނެގަތުމަށާއި އެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާތައް ނަގައި 3 އަހަރުން މުޅި މައްސަލަ ހައްލު ކުރުމަށް އަމާޒު ހިފާފަ އެވެ.
މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ މިހާތަނަށް 18،919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވި ގޮތުގައި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ އެމީހުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި އެއީ ރާއްޖޭގައި ބިދޭސީން އުޅުމުމުގެ އުސޫލުން ތެރެއިން މަސައްކަތްކުރާ މީހުންތޯ ދެނެގަތުންކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ، އަދި ގާނޫނާއި ހިލާފު އެކި ވިޔަފާރިތައް ކުރަމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ގިނަ މަސައްކްތްތައް ކުރަމުންދާކަން ފާހަގަކުރެވެ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިފެހެއްޓި ބިދޭސީންގެ އަދަދު ފަސް ހާހުން މައްޗެވެ. އަދި ގިނަ ބަޔަކު ޑީޕޯޓުކޮށްލާފައިވެ އެވެ.

