ވޭޕް ބޭނުންކުރި 4 މީހަކު ޖޫރިމަނާކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު، ވޭޕް ބޭނުން ކުރާ މީހުންނަށް 5000 ރުުފިޔާގެ ޖުރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ވިއްކައި އޭގެއިން ވިޔަފާރި ކުރާނަމަ އެ މީހަކަށް 20،000 ރުފިޔާއިން ޖުރިމަނާކޮށް، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
އެކަމާ ގުޅޭގޮތުުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، 17 ޑިސެމްބަރުގެ ނިޔަލަށް 4 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެމީހުން ޖޫރިމަނާކޮށްފައިވަނީ ވޭޕް ބޭނުން ކުރުމާ ގުޅިގެންނެވެ. އެހެންކަމުން ޖުމުލަ 20،000 ރުފިިޔާގެ ޖޫރިމަނާ މިހާތަނަށް މިވަނީ ކޮށްފައެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާއަށް މި މަހުގެ 15 ގައި ވަނީ އަމަލު ކުރަން ފަށާފަ އެވެ. މި ގާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ވިއްކުން މަނާވާނެ އެވެ.
ގާނޫނު ތަންފީޒު ކުރުމާ ގުޅޭގޮތުން އާންމު ކުރި ބަޔާނެއްގައި ފުލުހުން ބުނީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށާއި، ވޭޕްކުރުމަށް ބޭނުން ކުރާ އާލަތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމުގެ އަމަލުތައް ހިނގާނަމަ އެ ބަޔަކާއި މެދު ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ގަވައިދާ ހިލާފުވެގެން ޖުރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު އަންގާނީ އެ މީހެއްގެ މޮބައިލް ފޯނަށް ފޮނުވާ މެސެޖަކުންނެވެ. މި މެސެޖުގައި ހިމަނާފައިވާ ވާރުޕޭ ލިންކު މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭނެކަމަށް ފުލުހުން ބުންޏެވެ.

