ބިންވެރިޔާ ސްކީމުގެ ދަށުން ހިންގާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް އިސްތިސްނާވެގެންދާނެ ފަދަ އަމަލެއް އެޗްޑީސީން ހިންގާފައިނުވާކަމަށާއި، ފޭސް ދެއަކުންނާއި ތިނަކުންވެސް ދޫކުރަންޖެހޭ ބިންތައް ހައްގުވެރި ފަރާތްތަކާއި ހަވާލުކުރާނެކަމަށް އެ ކުންފުނީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިންވަނީ މިއަދުގެ ވަގުތެއްގައި އެ ކުންފުނި ހިންގަމުންދާ އިމާރާތަށް ޒިޔާރަތްކޮށްފައިކަމަށެވެ. އަދި އެ ކުންފުންޏާއި ގުޅޭގޮތުން ކޮންމެ މައްސަލައެއް ތަހުގީގުކުރެވެމުންދިޔަނަމަވެސް ފުރިހަމައަށް އެއްބާރުލުން ދެމުން އައިސްފައިވާނެކަމަށެވެ.
އެމްޑީ ވިދާޅުވީ، އެޗްޑީސީގެ ފަރާތުން މުއައްޒަފުން ޝާމިލުވާހެން ބިންވެރިޔާ ސްކީމުން އެއްވެސް މީހަކު އިސްތިސްނާވާނެ ގޮތަށް އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ފަޒުލް ވިދާޅުވީ، އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށާއި ބިންވެރިޔާ ސްކީމާއި ގުޅިގެން އުފެދިފައިވާ މައްސަލަ ތަހުގީގުކުރުމަށް އެދޭ ފަރާތްތަކަށް އެއްބާރުލުން ދެމުން އައިސްފައިވާނެކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިއްސާކުރައްވާނެކަމަށެވެ.
އެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީތައް ދޫކުރަނީ އެޗްޑީސީން ނޫންކަމަށެވެ. އަދި އެ ރަޖިސްޓްރީތައް ދޫކޮށްފައިވަނީވެސް މި ސަރުކާރުން ނޫންކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައިކަމަށެވެ.
އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ރަޖިސްޓްރީތަކެއްގެ މައުޅޫމާތުތައް ހުރިނަމަވެސް އެގްރީމެންޓުތައް ހަދަނީވެސް އެ ކުންފުނިން ނޫންކަމަށެވެ. ފަޒުލް ވިދާޅުވީ، ބިންތައް ހަވާލުކުރަނީވެސް އެޗްޑީސީން ނޫންކަމަށާއި އެ ކުންފުނިން ޝާމިލުވާ ހިސާބަކީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަންއެއް ހުށައަޅާ ހިސާބުކަމަށެވެ. އެމްޑީ ވިދާޅުވީ، އޭގެ ކުރިން އޮންނަނީ ހައުސިން މިނިސްޓްރީ އާއި ދެމެދު ކުރެވޭ މުއާމަލާތްތަކެއްގެ މަސައްކަތްތައް ކަމަށާއި އެއީ މައުލޫމާތުތައް ކަށަވަރުކުރުންކަމަށެވެ.
ފަޒުލް ވިދާޅުވީ، އިންފާރު ރޭނުމަށްޓަކައި ޕޯޓަލް މެދުވެރިކޮށް ހުށައަޅަނީ ރަޖިސްޓްރީ އޮންނަ ފަރާތެއްކަމަށް އެ ކުންފުނިން ގަބޫލުކުރާކަމަށާއި އެހިސާބުން ފެށިގެން ފާރު ރޭނުމަށް ހުއްދަ ދޫކޮށްލާކަމަށެވެ. އަދި އެ ހުއްދަ ދޫކޮށްލާ ހާލަތުގައި ވެރިފިކޭޝަން މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށް ފާހަގަކުރެއްވިއެވެ.
އެމްޑީ ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ބިންތަކަކީ އެޗްޑީސީން އެއްވެސް ހާލަތެއްގައި އެއްވެސް އިރެއްގައި އެޗްޑީސީ ޝާމިލުވެގެން ރައްޔިތުންނާއި ހަވާލުކުރި ބިންތަކެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިއަދާއި ހިސާބަށް އެޗްޑީސީންވަނީ ފޭސް ދެއަކުން 709 ބިމެއް ހައުސިންގް މިނިސްޓްރީއާއި ހަވާލުކޮށްފައިކަމަށާއި ފޭސް ދެއަކުންނާއި ތިނަކުންވެސް ހައްގުވެރި ފަރާތްތަކަށް ބިންތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ހިއްސާކުރެއްވިއެވެ.

