ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ވެރިފައި ކުރުމެއް ނެތި އެއްވެސް ގޯއްޗެއް ދޫކޮށްފައި ނުވާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ސްކީމްގެ ގޯތީގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިއަދު އެވެ. އަދި މީޑިއާތަކުން އެ ހަބަރު ރިޕޯޓުކޮށްފައި ވަނިކޮށް ކުންފުނީގެ އިމާރާތުގެ ތެރެއަށް ތަހުގީގަކަށް ފުލުހުން ވަނެވެ.
މަައްސަލައިގައި މިރޭ ބޭއްވި ކުއްލި ޕްރެސްއެއްގައި ފަޒުލް ވިދާޅުވީ ހުޅުމާލެއިން ދިން ގޯތިތަކުގައި އިމާރާތް ކުރަން ހުއްދައަށް އެދުމުން އަބަދުވެސް އޮންނަ އުސޫލަށް އަމަލު ކުރާކަމަށެވެ.
މައްސަލައިގައި ފަޒުލް ވިދާޅުވެފައި ވަނީ، ލިބުނު ބައެއް ހުށަހެޅުންތަކުން މައްސަލަތަކެއް ފާހަގަވެ އެކަން ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ވެސް ހުށަހެޅިކަމަށެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަނީ އެކަން ފާހަގަކޮށް ފޮނުވި ލިޔެކިއުންތައްކަން ފާހަގަކުރި އެވެ.
ލިސްޓުން ބޭރުން ގޯތި ދިންކަމަށް ބުނާ ވާހަކަ ދޮގުކޮށް ފަޒުލް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް ކަމަށެވެ.
ފަޒުލް ވިދާޅުވީ ލިޔެކިއުންތަކުގެ ތާރީހަށް ބަލައި ވެސް، މިއީ އަސްލެއް ނެތް ތުހުމަތެއްކަން ސާފުވާނެކަމަށެވެ.
އެއްވެސް ހާލަތެއްގައި ހައުސިން މިނިސްޓްރީއަށް އެންގުމެއް ނެތި، ނާންގާ ފަރާތަކަށް މިތަނުން ބިމެއް ހަވާލުކޮށްފައި ނުވާނެ
ފަޒުލް ވިދާޅުވީ އެއް ޕްލޮޓަކަށް ދެ ފަރާތަކުން ހުށަހެޅުމުން އެކަން ފާހަގަވެ ފޮނުވީ މިނިސްޓްރީގެ ވެރިފިކޭޝަނަށް ކަމަށެވެ. އަދި ދައުރުވަމުން ދަނީ އެ މައްސަލައިގެ ވާހަކަކަމަށް ތަކުރާރުކޮށް ފަޒުލް ވިދާޅުވީ ގާނޫނާއި ހިލާފު އެއްވެސްކަމެއް ކުންފުނީގެ ތެރެއިން ހިންގާފައި ނުވާނެކަމަށެވެ.
ފަޒުލް އިތުރަށް ވިދަޅުވީ ބިންވެރިޔާ ސްކީމްގެ ރެޖިސްޓްރީ އިޝޫ ކުރަނީ އެޗްޑީސީން ނޫން ކަމަށެވެ. އަދި ސަރުކާރުން އިޝޫ ކުރި ބިންވެރިޔާ ސްކީމްގެ ޕްލޮޓުތަކުގެ ރެޖިސްޓްރީ ހުންނާނެކަމަށް ފަޒުލް ވިދާޅުވި އެވެ.
އެޗްޑީސީ ޝާމިލުވަނީ ފަޒުލް ވިދާޅުވި ގޮތުގައި ޕޯޓަލްއަށް އެޕްލިކޭޝަން ލިބުމުންނެވެ. އޭގެ ކުރިން އޮންނަނީ ހައުސިން މިނިސްޓްރީ ދެމެދު އޮންނަ މުއާމަލާތެއްގެ ތެރެއިން ހިނގާ ކަންތައްތައްކަމަށް ފަޒުކް ވިދާޅުވި އެވެ.

