ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ މޮސްކޯއަށް ކުއްލި ދަތުރުފުޅެއް ކުރައްވައި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވައިފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފީކޯގެ މި ދަތުރުފުޅާއެކު އޭނާ ވެގެންގޮސްފައިވަނީ މީގެ 3 އަހަރު ކުރިން ރަޝިއާއިން ޔޫކްރޭނަށް ޙަމަލާދޭން ފެށިފަހުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރެއްވި ހުޅަނގުގެ 3 ވަނަ ލީޑަރެވެ.
ފީކޯއާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި މަޝްވަރާ ކުރެވިފައިވަނީ ރަޝިއާގެ ގޭސް ސްލޮވޭކިއާއަށް ސަޕްލައި ކުރުމާ ގުޅޭގޮތުންނެވެ. އެއީ ސްލޮވޭކިއާއަށް މުހިއްމު އެއްޗެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، މި ދަތުރުފުޅުގެ މައުލޫމާތާއި ދަތުރުފުޅު ކުރައްވާ ސަބަބު ޔޫރޮޕިއަން ޔޫނިއަން (އީޔޫ) ގެ ކަމާބެހޭ ފަރާތްތަކަށްވެސް އަންގަވާފައިވާނެކަމަށް ފީކޯ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ ރައީސާއެކު ވަރަށް ދިގު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ހިޔާލު ބަދަލު ކުރައްވާފައެވެ. ހަމައެއާއެކު، ހަނގުރާމަ ހުއްޓާލެވޭނެ ގޮތްތަކާއި ސުލްޙަ ގެނައުމާ ގުޅޭގޮތުންވެސް މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ސްލޮވޭކިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކަކީ ރަޝިއާގެ ގޭހަށް ބަރޯސާވާ ޤައުމުތަކެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފީކޯ ސްލޮވޭކިއާގެ ބޮޑުވަޒީރުކަމަށް އަލުން އައްޔަނު ކުރެވުމާއެކު އޭނާ ވަނީ ސްލޮވޭކިއާއިން ޔޫކްރޭނަށް ދެމުންދިޔަ އަސްކަރީ އެހީތެރިކަންވެސް ހުއްޓުވާލާފައެވެ. ނަމަވެސް ޔޫކްރޭނާއެކު އޮންނަ އެކުވެރިކަން ސްލޮވޭކިއާއިން ދަމަހައްޓާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

