ބްރެޒިލްގައި މަތިންދާބޯޓެއް ވެއްޓި އެއް އާއިލާއެއްގެ 10 މީހަކު މަރުވެއްޖެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މަތިންދާބޯޓު ވެއްޓިފައިވަނީ ބްރެޒިލްގެ ދެކުނުގައި އޮންނަ ގްރަމާޑޯއަށެވެ.
ބޯޓު ވެއްޓުނުއިރު އެ ބޯޓު ދުއްވަމުންދިޔައީ ބްރެޒިލްގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ލުއިޒް ކްލައުޑިއޯ ގަލެއާޒީއެވެ. މި ޙާދިސާގައި އޭނާގެ އިތުރުން، އޭނާގެ އަނބިމީހާއާއި، 3 ދަރިންނާއި އާއިލާގެ އިތުރު މެމްބަރުންތަކެއް މަރުވެފައިވާކަމަށް އޭނާގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ގަލެއާޒީއަކީ ގަލެއާޒީ އެންޑް އެސޯސިއޭޓްސްގެ ޗީފް އެގްޒެކެޓިވްއެވެ.
ރިޕޯޓުތައް ބުނާގޮތުން މަތިންދާބޯޓު ވެއްޓިފައިވަނީ އާންމުން ދިރިއުޅޭ ގެއަކާއި ފިހާރަތަކެއް ހުރި ސަރަޙައްދަކަށެވެ. އަދި މަތިންދާބޯޓު ވެއްޓުމުގެ ސަބަބުން 17 މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން 2 މީހެއްގެ ޙާލު ސީރިއަސްއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެތަނުގެ ސްޓޭޓް ގަވަނަރ ވިދާޅުވީ، މަތިންދާބޯޓު ވެއްޓިފައިވަނީ މޫސުމުގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ. އެގޮތުން މަތިންދާބޯޓު ނައްޓާލިއިރުވެސް މޫސުން ނުހަނު ގޯސްކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ޙާދިސާގެ ތަހުގީގެއް މިހާރު ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

