ވެރިކަމުގެ ދައުރު ނިންމާލުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބަައިޑެންގެ ސަރުކާރުން ޔޫކްރެއިންއަށް އަސްކަރީ އެހީގެ ގޮތުގައި 1.25 ބިިލިއަން ދޭން ނިންމައި އިއުލާނުކުރާނެކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެމެރިކާގެ އޮފިޝަލުންވަނީ ދައުރު ނިންމާލުމަށް ތައްޔާރުވަމުންދާ އެ ގައުމުގެ ރައީސް ބައިޑެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔޫކްރެއިންއަށް ބޮޑެތި އަސްކަރީ އެހީތަކެއް ދޭނެކަން އިއުލާނުކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ. އަދި އޭނާ މަސައްކަތްކުރަމުންދަނީ ޖެނުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށް ވީހާވެސް ބޮޑަށް އެ ގައުމަށް އެހީތެރިކަން ދިނުމަށްކަމަށެވެ.
ޔޫކްރެއިންއަށް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ އެހީގެ ތެރޭގައި އެކި ބާވަތުގެ ހަތިޔާރު ހިމެނެއެވެ. އެގޮތުން ސާފެސްޓު އެއަރ މިސައިލް ސިސްޓަމަށް ބޭނުންވާ ސާމާނާއި، އެއަރ ޑިފެންސް ސިސްޓަމްތަކުގެ އިތުރުން ނުރައްކާތެރި ސްޓިންގާރ މިސައިލާއި އާޓިލަރީ ވަޒަންވެސް ޕެކެޖުގައި ހިމެނޭނެކަމަށެވެ. މި މައުލޫމާތުތައް ނޫސްތަކާއި ހިއްސާކުރި އޮފިޝަލުންވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައެވެ.
މި މައުލޫމާތުތައް ދައުރުވާން ފަށާފައިވަނީ ރަޝިއާއިން މިފަހުން ޔޫކްރެއިންގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށެވެ. ޔޫކްރެއިންއިންވަނީ އެ ހަމަލާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތައް މަތަކޮށްފައިވާކަމަށް އިއުލާނުކޮށްފައެވެ. ރަޝިއާ އަދި ޔޫކްރެއިންގެ އަސްކަރިއްޔާއިންދަނީ ރަޝިއާގެ ބޯޑަރު ސަރަހައްދުގައިވާ ކާރސްކް ވަށައި ހަމަލާތަކެއް ބަދަލުކުރަމުންކަމަށްވާއިރު ޔޫކްރެއިންއިން އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމުގެ ގޮތުން ނޯތުކޮރެއާގެ އެތައް ހާސް ސިފައިންނެއްވެސް ރަޝިއާއަށް ވާގިވެރިވަމުންދާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.
ދާދި ފަހުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ އޮފިޝަލުންވަނީ އެ ގައުމުގެ އިންތިހާބީ ރައީސް ޑޯނަލްޑް ޓްރަމްޕު ހުވާކުރުމުގެ ކުރިން، އެ ގައުމުގެ މަޖިލީހުން ޔޫކްރެއިންއަށް ފޮނުވުމަށް ފާސްކޮށްފައިވާ 5.6 ބިލިއަން ޑޮލަރުގެ އެހީ ޕެކެޖުގައި ހިމެނޭ ހުރިހާ ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ނުފޮނުވި ދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްފައެވެ. އަދި އައު ރައީސް ޓްރަމްޕުވަނީ ކޮންމެވެސް ބާވަތެއްގެ އެއްބަސްވުމެއް ދެ ގައުމުގެ ދެމެދު އެކުލަވާލުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށްވާއިރު އޭނާ އަދި ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ދެމެދު އޮތް ގުޅުމުގެ މައްޗަށް އެކި ފުރުސަތުތަކުގައި އަލިއެޅުއްވިކަންވެސް ރިޕޯޓުތަކުގައިވެއެވެ.
ނަމަވެސް އެމެރިކާ އަދި ޔޫރަޕުގެ ގިނަ އަދަދެއްގެ ލީޑަރުންވަނީ ޔޫކްރެއިންއަށް ގެއްލުންތަކެއް ލިބިގެންދާފަދަ އެއްބަސްވުމެއް ގާއިމުކުރެވިގެންދިއުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމެރިކާގެ ގާނޫނުހަދާ މަޖިިލީހުން ފާސްކޮށްފައިވާ ގޮތުގެ މަތިން ޓްރަމްޕު ޔޫކްރެއިންއަށް އަސްކަރީ އެހީ ފޯރުނުކޮށްދީފާނެކަމުގެ ކަންބޮޑުވުން އޮތްކަންވެސް އެކި ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.
ބައެއް އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދޭގޮތުން އެމެރިކާއިން އެ ޔޫކްރެއިންއަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން އެއްބަސްވުމެއް އެކުލަވާލުމާއި ހިސާބަށް ގޮސްފިނަމަ ޔޫކްރެއިންގެ އަތުގައި އެ މައިދާނުގައި ކޮންމެވެސް ބާރުވެރިކަމެއް އޮންނާނެކަމަށް ދެކޭކަމަށެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ ސީނިއާރ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ޖެނުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށްވެސް އެ ގައުމުން ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެމުންދާނެއެވެ. އެހެންނަމަވެސް ޓްރަމްޕުގެ ވެރިކަން ފެށޭއިރުވެސް ދޭންޖެހޭ އެހީތެރިކަން ހުންނާނެކަމަށް ބެލެވޭ ކަމަށެވެ.

