ކަސްޓަމްސްއަށް ނޭނގި ވެއާހައުސްއަކުން މުދާ ނެރުނުކަމަށް ދެކެވޭ ވާހަކައެއް ފެންމަތިވެފައި ވަނިކޮށް ބޮންޑެޑް ވެއާހައުސްތައް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅައިފި އެވެ.
ކަސްޓަމްސްއަށް ނޭނގި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި މުދާ ނެރުނު މައްސަލަ ބަލަން ފަށާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ރާއްޖެ އެތެރެކޮށް ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލިފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުންނެވެ. 500 އަށް ވުރެ ގިނަ ކޭސް ސިނގިރޭޓު ގެއްލިފައި ވަނީ، އެތަނުގައި ހުރިކަމަށް ކަސްޓަމްސްގެ ރެކޯޑުގައިވާ މުދަލަށް ޑިއުޓީ ދައްކަން އަންގާފައި ވަނިކޮށެވެ.
މި ރިޕޯޓުތަކާއި ގުޅޭގޮތުން އިހުސާން ވިދާޅުވީ، ހާދިސާ ހިނގާފައި ވަނީ ގެއެއްގައި ހަދާފައި ހުރި ބޮންޑެޑް ވެއާހައުސްއެއްގައި ކަމަށެވެ. އަދި ވެރިފަރާތުން ތަން ދޫކޮށްލައި އެހެން މަސައްކަތެއް ކުރަމުންދާކަމަށް ރިޕޯޓު ލިބުމުން އެކަން ބަލައި ވެއާހައުސްގައި ހުރިކަމަށް ކަސްޓަމްސްގެ ރެކޯޑުތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އެންގިކަމަށެވެ.
އިހުސާން ވިދާޅުވީ މިކަން ހިނގި ގޮތް ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަސްޓަމްސްގެ ތަހުގީގުތައް ކުރިޔަށްދާކަމަށެވެ.
މީގެއިތުރުން މާލޭގެ އެކި ގެތަކުގައި ބޮންޑެޑް ވެއާހައުސްތައް ޒަމާންތަކެއް ވަންދެން ހިންގަމުން އައިސްފައިވާކަން ފާހަގަކޮށް އިހުސާން ވިދާޅުވީ ތަނުގައި ދެ ތަޅު ހަރުކޮށް އޭގެ ތަޅުދަނޑި ބަލަހައްޓަމުން ދަނީ ކަސްޓަމްސްކަމަށެވެ. އަދި ގެތަކާއި އެޕާޓްމަންޓުތަކުގައި ބޮންޑެޑް ވެއާހައުސްތައް ހިންގުން ސަލާމަތީ ގޮތުން ވެސް ރައްކާތެރި ނޫންކަމަށް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ މިފަދަ ބޮންޑެޑް ވެއާހައުސްތައް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައެވެ.
ސިނގިރޭޓުތަކެއް ގެއްލުނުކަމަށް މައްސަލަ ފެންމަތިވއިރު، ބޮންޑެޑް ވެއާހައުސްތަކުގައި ދުންފަތުގެ ބާވަތްތައް ރައްކާކޮށްފައި ނުބެހެއްޓޭ ގޮތަށް ކަސްޓަމްސްގެ އާންމު ގަވައިދު ދާދިފަހުން ވަނީ އިސްލާހުކޮށްފަ އެވެ.
މިދިޔަ މަހު މި އިސްލާހު ގެނެސްފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުންނެވެ.
ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތައް މީގެ ކުރިން ބޮންޑެޑް ވެއާހައުސްތަކުގައި ބެހެއްޓެ އެވެ. އެހެން ނަމަވެސް ފަހުން ގެނައި ބަދަލާއި އެކު ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތް އެކުލެވޭ ތަކެއްޗާއި ދުންފަތުގެ ބަދަލުގައި ބޭނުން ކުރާ ބާވަތްތައް ބެހެއްޓުމަށް ބޮންޑެޑް ވެއާހައުސްތައް ރެޖިސްޓްރީ ނުކުރެވޭނެ އެވެ.

