ފަހު ވަގުތާއިޖެހެންދެންވެސް ދައުލަތާއި ދެކޮޅުވެރި ނުފުޒުތަކާއި ހަނގުރާމަކުރައްވާނެކަމަށް ވެރިކަމުން ބާލުވާފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އަޒުލުކޮށްފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްވަނީ އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކަށް މެސެޖެއް ދެއްވާފައެވެ. އެގޮތުން ދެކުނު ކޮރެއާގެ ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާ ނުފޫޒުތަކާއި ހަނގުރާމަކުރުން ހުއްޓާނުލައްވާނެކަމަށް ވިދާޅުވިއެވެ. އޭނާގެ ގާނޫނީ ޓީމުންވަނީ ހައްޔަރުކުރުމަށް މަސައްކަތްކުރާ ފުލުހުންނަށް ޔޯލްގެ ސެކިރުރިޓީ ޓީމާއި ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރުތައް ދީފައެވެ. އަދި އާންމުންވެސް އެ މީހުން ހައްޔަރުކޮށް ހިފަހައްޓަފާނެކަމަށް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.
އޭނާ މި ވާހަކަތައް ދެއްކެވީ އެ ގައުމުގެ އިސްވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ވުޒާރާއިން ހައްޔަރުކުރުމަށް އަންގައި ނެރިފައިވާ ވޮރެންޓެއް ތަންފީޒުކުރުމަށް ތައްޔާރުވަމުންދިއުމާއި ގުޅިގެންނެވެ. ވޮރެންޓެއް ނެރިފައިވަނީ ޖަވާބުދާރީވުމަށް ހާޒިރުވާން އަންގައިފައިވަނިކޮށް އެކަމަށް އިޖާބަ ނުދިނުމާއި އެކުއެވެ. އެންޓި ކޮރަޕްޝަން އެޖެންސީގެ ޗީފަކަށް ހުންނެވި އޯ ޑޯންގް ވޫންވަނީ ޔޫންގެ ސެކިއުރިޓީއިން ވޮރެންޓު ތަންފީޒުކުރުމަށް ޖާގަ ނުދީފި ހާލަތެއްގައި ފުލުހުން ހަރަކާތްތެރިވުމުގެ ފުރުސަތު އޮތްކަން ހާމަކޮަށްފައެވެ.
ނޫސްތަކުން ބުނާގޮތުން ކުށަކަށް އަރައިގަންނަމުންދާ ވަގުތުގައި އެކަމެއް ހުއްޓުވުމަށްޓަކައި ހައްޔަރުކުރުމަކީ އެ ގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ގާނޫނީގޮތުން ލިބިދީފައިވާ ބާރެއްކަމަށެވެ. ފާޑުކިޔާ މީހުންވަނީ ޔޫން އޭނާއަށް ތާއީދުކުރާ މީހުންގެ ނަހަމަ ބޭނުންތައް ހިފަމުންދާކަމަށް ތުހުމަތުކޮށްފައެވެ. ސަޕޯޓަރުންނަށް ދެއްވި މެެސެޖުގައި ޔޫން ވިދާޅުވީ، އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނަ ނުފޫޒުތަކާއި ދެކޮޅަށް މަސައްކަތްކުރެއްވުން ނުހުއްޓަވާނެކަމަށެވެ. އަދި ޑިމޮކްރެސީއާއި ގާނޫނީ ހަމަތައް ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ސަޕޯޓަރުންނަށް ތައުރީފުކުރެއްވިއެވެ.

