އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރުގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާތަކެއްގެ ޙުކުމް ކުރުން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވުމާއެކު، ޑޮނަލްޑް ޓްރަމްޕަކީ ޖިނާއީ އެތައް ދަޢުވާއެއް އުފުލިފައިވަނިކޮށް މަޤާމާ ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ރައީސް ކަމުގައި މިވަނީ ވެފައެވެ. ނަމަވެސް، ބީބީސީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދަޢުވާތަކުގެ ތެރެއިން ބައެއް މައްސަލަތައް މަޤާމާ ޙަވާލުވެވަޑައިގަތުމާއެކު ނިމުމަކަށް އަތުވެދާނެއެވެ.
ޤާނޫނީ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި، ޓްރަމްޕްގެ މައްޗަށް މިހާރު އުފުލިފައިވާ ދަޢުވާތަކާއި ސާބިތުވެފައިވާ މައްސަލަތަކުގެ ތެރޭގައި އެމަނިކުފާނަށް ގޮންޖެހުންތަކަކަށް ވެދާނެ ފަދަ ކަންތައްތައްވެސް ހިމެނެއެވެ.
މީގެ ތެރެއިން އެއް މައްސަލައަކީ ނިއުޔޯކްގައި ވިޔަފާރީގެ ރެކޯޑުތަކެއް އޮޅުވާލުމުގެ ތުހުމަތުގައި ސާބިތުވެފައިވާ 34 ދަޢުވާއެވެ. އެ ދައުވާތަކާ ގުޅިގެން ޙުކުމް ކުރުން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލަތަކުގައި ނިއުޔޯކްގެ ޖޫރީން ވަނީ ޓްރަމްޕް ކުށްވެރިވާކަމަށް ނިންމަވާފައެވެ. އެގޮތުން މި މައްސަލަތަކަކީ އަހުލާގީ ގޮތުން ނޭދެވޭ ފިލްމުތަކުގައި އަދާކުރާ އަންހެނަކަށް ޓްރަމްޕް ފައިސާ ފޮނުއްވާފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލަތަކެކެވެ.
ބީބީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މައްޗަށް ތުހުމަތު ކުރެވެނީ މި މައްސަލަތަކާ ގުޅޭގޮތުން ހަނުހުރުމަށް އެދި، އެ އަންހެން މީހާއަށް ބަދަލުގައި ފައިސާ ދެއްވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޙުކުމް އިއްވުން ކުރިން ސެޕްޓެމްބަރު މަހަށް ތާވަލުކުރެވިފައި އޮތް ނަމަވެސް، ފަނޑިޔާރު ހުއާން މާރޗަން ވަނީ ނޮވެމްބަރު މަހު ބޭއްވުނު އިންތިޚާބުގެ ފަހަށް ޙުކުމް ފަސްކުރައްވާފައެވެ. އެހެންކަމުން، ޖެނުއަރީ 10 ގައި މި މައްސަލައިގައި ޙުކުމް ކުރައްވާނެއެވެ.
އެހެންނަމަވެސް، ޤާނޫނީ ދާއިރާގެ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި ޓްރަމްޕްގެ މައްޗަށް ޖަލު ޙުކުމެއް އަންނާނެކަމަކަށް ނުބެލެވެއެވެ.

