މޫސުން ގޯސްވެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން 21 ގަޑިއިރުގެ ތެރޭގައި 30،000 ޓަނަށްވުރެ ގިނަ ފެން ހިންދާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާއިރު، އޭގެ ސަބަބުން ރަށްތަކުގެ ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީވެފަ އެވެ. އަދި މާލޭގެ މަގުތަކުގައިވެސް ފެންބޮޑުވެ، ބައެއް ވިޔަފާރިތަކާއި އުޅަނދުތަކަށްވެސް އަސަރުކޮށްފައިވެއެވެ.
އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، ހުކުރު ދުވަހުގެ 11:37ން ފެށިގެން މާލޭގައި ފެން ހިންދުމުގެ އޮޕަރޭޝަން އެމްއެންޑީއެފުން ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ނިންމާލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 ގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަންގައި 30،569 ޓަނުގެ ފެން މާލެއިން ހިންދިިފައިވެއެވެ.
އޭގެ އިތުރުން، ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތަކަށްވެސް ގެއްލުންވެފައިވާއިރު، އެތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިން ކޮށްފައިވެއެވެ. އެގޮތުން ކުރި މަސައްކަތުން 210 ގޭގައި 1550 ވެލި ބަސްތާ ޖަހާފައިވެއެވެ.
އައު އަހަރާ ދިމާކޮށް މޫސުން ގޯސްވެފައިވާތީީ މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދިޔައީ އިލްތިމާސް ކުރަމުންނެވެ.

