ދުނިިޔެ ހޫނުވާ ވަރަކަށް ފެންބޮޑުވުމުގެ ޙާދިސާތައް ތަކުރާރުވާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރި ވިއްސާރައިިގައި މަގުތަކުގައި ފެންބޮޑުވެ، 30،000 ޓަނަށްވުރެ ގިނަ ފެން ސިފައިން ނުކުމެ ވަނީ ހިންދާފައެވެ.
އެކަމާ ގުޅޭގޮތުން އެކްސްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ނުހަނު ބޮޑަށް ފެން ބޮޑުވި ކަމަށާއި، ދުނިިޔެ ހޫނުވާ ވަރަކަށް މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށެވެ.
އޭގެ އިތުރުން، ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ އެކަށީގެންވާ ފަންޑު ލިބޭނެކަމަށް އުއްމީދު ކުރެވެން ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ ބައިވެރިވުމެއް ނެތްކަމުގައިވީނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި، ފެންބޮޑުވުން ފަދަ ޙާދިސާތައް ރާއްޖެއިންވެސް ތަހައްމަލު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފަޔަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފައިވެއެވެ.

