މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިގެން ރިޕޯޓު ކުރި މީހުން ދިރިއުޅޭ ގޭގެއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް މާދަމާ ހެދުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނެފައިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވަނީ 2 ދުވަހަށް ކަމަށެވެ. އަދި ގެއްލުންތައް ރިޕޯރޓް ކުރި މީހުން ދިރިއުޅޭ ގެތަކުގެ ގެއްލުންތައް ދެނެގަތުމުގެ އެސެސްމަންޓް މާދަމާ ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މާލެއަށް އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން އެންޑީއެމްއޭއިމް ފޯރުކޮށްދީފައިވެއެވެ. ވިއްސާރަވުމުގެ ސަބަބުން ގެއްލުން ލިބުނު އެންމެ ފަހުގެ އަދާހަމަ ހާމަކުރައްވަމުން އެންޑީއެމްއޭ އިން މިއަދު ހެނދުނު ބުނީ، މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން 554 ތަނަކުން އެދުނީ ވެލިބަސްތާ ޖަހައިދިނުމަށް ކަމަށާއި، 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހެދިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. މީގެތެރެއިިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.

