ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު ޣައްސާން މައުމޫން މި މަހުގެ 7 ވަނަ ދުވަހު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
އިންޑިއާގެ ”ވޯލްޑް އިސް ވަން“ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަޒީރު ޣައްސާން އިންޑިއާއަށް ދަތުރުފުޅު ކުރައްވާނީ ޖެނުއަރީ މަހުގެ 7 އާއި 8 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގެ ޚަބަރު އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް އިންޑިއާއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.ެ
މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަމަށް އިންޑިއާގެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތްތައް ކުރައްވާފައިވުމެވެ. މިއީ ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ އަސްކަރިއްޔާ ނުބޭތިއްބުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ބައެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އިންޑިއާގެ ސިފައިން ކުރަމުންދިޔަ މަސައްކަތްތަކަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެވެ. ދެ ޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސިވިލިއަން ޓެކްނިކަލް މުވައްޒަފުން ގެންގުޅުމަށް އެއްބަސްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި ދަތުރުފުޅު ކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލްއެވެ. މި ދަތުރުފުޅުން ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގުޅުން އިތުރަށް ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއްކަމަށް އިންޑިއާގެ ނޫސްތަކުން ސިފަކޮށްފައިވެއެވެ.

