ރަޝިއާ އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޓްރަމްޕުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ބައިނަލްއްގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ ޓްރަމްޕަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އޭނާއަކީ ވަރުގަދަ އަދި ދެން ނަގާފާނެ ފިޔަވަޅެއް ނޭނގޭ ފަދަ މީހެއްކަމަށް ސިފަކުރެއްވިކަމަށާއި އެކަމުގެ ސަބަބުން ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންއަށް ކުރިއެރުންތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެން ނަމަވެސް ތިން އަހަރަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމަ އެއް ދުވަހުން ނިންމާނުލެވޭނެކަމަށް ފާހަގަކުރެއްވިއެވެ. ރިޕޯޓުތަކުގައިވާގޮތުން ޓްރަމްޕުވަނީ ކެމްޕެއިން ދުވަސްވަރުގައި އެއީ އޭނާއަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ހިއްސާކުރައްވާފައެވެ.
ޒެލެންސްކީ ވިދާޅުވީ، ޓްރަމްޕު ގޮތުގެ މަތީ ހުންނަވައިފި ހާލަތެއްގައި އަވަސް ގޮތަކަށް ހަނގުރާމައިގެ އެންމެ ހޫނު މަރުހަލާ ނިންމާލެވިދާނެއެވެ. އަދި ޓްރަމްޕަކީ ވަރުގަދަ ޝަހުސިއްޔަތެއްކަމަށް ވިދާޅުވިއިރު، ޓްރަމްޕުގެ ކިބައިން ފެނިގެންދާ ސިފަތައް ރަޝިއާ އާއި ދިމާލަށް އަނބުރާލުމަށް އެދިވަޑައިގަންނަވާކަމަށްވެސް ޒެލެންސީ ވިދާޅުވިއެވެ.
ނޫސްތަކުން ބުނާގޮތުން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވެރިކަމުގެ ހުވާކުރެއްވުމަށް ކަނޑައެޅިފައިވާ ޓްރަމްޕު އަދި ޔޫކްރެއިން އާއި ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތައް ރަސްމީގޮތުން ބަޔާންކުރައްވާފައިނުވެއެވެ. އެހެންނަމަވެސް ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ ސަބަބުން އެމެރިކާއިން ޔޫކްރެއިންއަށް ދެމުން އައިސްފައިވާ އަސްކަރީ އެހީތެރިކަން ކުރިއަށް ގެންގޮސްފާނެކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އެ ގައުމުގެ އެހީތެރިކަން ޒެލެންސީ އަދި ޔޫކްރެއިންއިން ބޭނުންވާކަން ވަރަށް ސާފުއިރު އިންތިހާބުގެ ކުރިއަށްވެސް އޭނާވަނީ އެމެރިކާއަށް ޒިޔާރަތްކޮށް ޓްރަމްޕާއި ބައްދަލުކުރައްވާފައެވެ.

