ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސަރުކާރުގެ އަމަލީ މަސައްކަތްތަކުންވެސް ރާއްޖެއަށް އަހަމިއްޔަތުކަންދޭކަން ފެނޭ: ޚަލީލް

އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ ޢަމަލުތަކުން ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެވޭ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ނޫހަކަށް ވަޒީރު ޚަލީލް ދެއްވި އިންޓަވިއުއެއްގައި، ދެ ޤައުމުގެ ގުޅުމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ފަހުގެ ތާރީޚަށް ބަލާއިރު ދިވެހި ސަރުކާރުގެ އިސްވެރިން އިންޑިއާއަށް ޒިޔާރަތްކުރައްވާފައިވާ ކަމާއި، އެ ޤައުމުގެ އިސްވެރިން ދިވެހިރާއްޖެއަށް ވަޑައިގަތުމަށްވެސް އުންމީދުކުރައްވާ ކަމަށެވެ. އަދި ދާދި ފަހުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި ކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުން، އެ ޤައުމުން ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެވޭ ކަމަށެވެ. އިންޑިއާ ސަރުކާރުގެ ޢަމަލުތަކުން މިކަން ހާމަވާ ކަމަށާއި، ރައީސްގެ ޒިޔާރަތުގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކުރެވި، އިންޑިއާއިން އެ ފައިސާ ވަގުތުން ހަމަޖައްސަވައިދެއްވި ކަމަށް ވިދާޅުވިއެވެ.

ވަޒީރު ޚަލީލް ވިދާޅުވީ، އިންޑިއާގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރުގެ އިންތިޒާމު ހަމަޖެހުމާއެކު، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ލިބިގެންދިޔަ ކަމަށެވެ. މީގެ އިތުރުން، އެ ދަތުރުފުޅުގައި ލޯކަލް ކަރަންސީ ސެޓްލްމަންޓް އެއްބަސްވުމެއް ޤާއިމުކުރެވި، އެމްއޯޔޫއެއްގައި ސޮއިކުރެވި، އޭގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މަސައްކަތްކުރެވެމުންދާ ކަމަށް ހިއްސާކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިންޑިއާގެ ފަރާތުން އެހެނިހެން އެހީތައްވެސް ލިބިގެންދިޔަ ކަމަށާއި، 100 މިލިއަން ރުފިޔާގެ އަގުހުރި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ގްރާންޓަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. މިހާރު އެކަމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރެވި، އޭގެ ދަށުން ކަނޑައެޅިފައިވާ ގޮތަށް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ޚަލީލް ވިދާޅުވީ، ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއިން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެވެނީ އިސްވެ ދެންނެވުނު ސަބަބުތަކާ ގުޅިގެން ކަމަށާއި، ތާރީޚަށް ބަލާއިރުވެސް ދެ ޤައުމުގެ ދެމެދުގައި ގާތް ގުޅުންތަކެއް ދަމަހައްޓާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށާއި، މި ގުޅުން އަސާސްވެފައިވަނީ އިސްވެ ފާހަގަކުރެއްވި އުސޫލުތަކުގެ މަތިން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ފުޅާވެ ހަރުދަނާވަމުންދާ ގުޅުމެއް އުފެދިފައިވަނީ މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: