ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި މިދިޔަ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
އެހެންކަމުން މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.
މި މައްސަލައިގައި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

