އެމެރިކާއިން އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމައިފިއެވެ.
އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން މިހާރު ވަނީ އެކަން ކޮންގްރެސްގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
މި އަސްކަރީ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގައި ބޭނުން ކުރެވިދާނެ ތަފާތު އެކި ހަތިޔާރުތަކެވެ. އޭގެ ތެރޭގައި އާޓިލަރީ ބޮމާއި، ތަފާތު އެކި ބާވަތުގެ މިސައިލްވެސް ހިމެނެއެވެ.
މި އެހީ ފޮނުވުމަށް ކޮންގްރެސްގެ ކަމާ ގުޅުންހުރި ކޮމިޓީތަކުގެ ރުހުން ބޭނުންވާނެއެވެ.
އެމެރިކާއިން އިޒްރޭލަށް އަނެއްކާވެސް ހަތިޔާރު ވިއްކަން ނިންމާފައި މިވަނީ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމުން ފައިބާވަޑައިގަންނަވާ ދުވަސް ނުހަނު ކައިރިވެފައި ވަނިކޮށެވެ.
އޮގަސްޓު މަހުގެ ތެރޭގައިވެސް އެމެރިކާއިން ވަނީ ފައިޓަރ ޖެޓު ހިމެނޭ ގޮތަށް 20 ބިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު އިޒްރޭލަށް ވިއްކުމަށް ފާސްކޮށްފައެވެ.
އިޒްރޭލުން ގާޒާގައި މެދުކެނޑުމެއްނެތި އުދުވާންތައް ހިންގަމުންދާއިރު އެމެރިކާއިން އެ ޤައުމަށް ހަތިޔާރު ވިއްކަމުންދާތީ އެ ޤައުމުގެ ބައެއް ރައްޔިތުންވެސް ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި މިއީ ފަލަސްތީނަށް ޙަމަލާ ދިނުމަށް ދެވޭ ހިތްވަރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެހެންނަމަވެސް އެމެރިކާއިން މިކަން ކުރަމުންދަނީ އިޒްރޭލަށް އެ ޤައުމުގެ ދިފާއުގައި މަސައްކަތް ކުރަންޖެހޭނެކަމަށް ބުނެ ހުއްޖަތް ދައްކަމުންނެވެ.

