ރާއްޖޭގެ ހުރިހާ އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގުން ޤައުމީ މަޝްރޫޢު 2024 ނިންމާލާފައިވަނީ ވަރަށް ކާމިޔާބު ކަމާއި އެކުގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން، އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންޓެންސިވް ޓްރެއިނިން ޕްރޮގްރާމެކެވެ.
2024 ވަނަ އަހަރު އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގުން ޤައުމީ މަޝްރޫޢު ގައި ޖުމްލަ 930 އިމާމުންނާއި ޚަޠީބުން ވަނީ ތަމްރީން ކޮށްފައެވެ.
އުތުރާއި ދެކުނުން އަދި މެދުރާއްޖޭތެރޭގެ ހުރިހައި ރަށަކަށް މިޕްރޮގުރާމް ވަނީ ހިންގާފައެވެ. މިޕްރޮގުރާމު ކާމިޔާބު ޕްރޮގުރާމަކަށް ހެދުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި އެކިއެކި ސެޝަންތައް ހިނގާ ނުހިގާގޮތް ގާތުން ބައްލަވާލެއްވުމަށް މޮސްކް ސެކްޝަން ގެ މުވައްޒަފުން ޒިޔާރަތްކުރުން ވެގެންދިޔައީ އިމާމުން އަދި ކައުންސިލަށް ސިހުން ގެނުވިކަމަކަށެވެ.
މި ޕްރޮގްރާމުގައި ޖުމްލަ ނުވަ މޮޑިއުލެއް ބައިވެރީންނަށް އުނގަންނައި ދެވިފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީނެއް ދިނުމާއި މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުން، ގުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި ފިގުހާއި ޙަދީޘާއި އަގީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދިނުމާއި މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުމެވެ.
އިމާމުންގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ފުރުޞަތުތައް ފަހިކޮށް ދެއްވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުހިންމުކަންދޭ ކަމެއްކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. 2024 ވަނަ އަހަރު ރާއްޖޭގެ އެންމެހައި އިމާމުން ތާޒަކޮށް ނިމިފައިވާއިރު 100 އަށް ވުރެ ގިނަ ތަމްރީނު ފުރުޞަތު ރާއްޖެއިން ބޭރުން އިމާމުންނަށް ހޯދައި ދެވިފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކަށް 2 އިމާމުން ލުން ފެށުމާއި އިމާމުންގެ މަހާސިންތާ އެއް ބާއްވަން ފެށުމާއި އިމާމުންނަށް ޢަރަބި ބަސް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ހިންގުނެވެ.

