ކުރީ ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިނގާފައި ހުރި އަމަލުތަކުގެ މައްސަލަ ތަހުގީގު ކުރުމުގައި އަވަސް އަރުވާނުލާނެކަމަށް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ، ކޮންމެ މައްސަލައެއްގެ ތަހުގީގެއް ވެސް ފެށޭވަރުވާނީ ކުރެވޭ ތުހުމަތެއް ކުރިޔަށް ގެންދެވޭނެ މިންވަރަށް އެކަށީގެންވާ ހެއްކެއްގެ މައްޗަށް ކަމަށެވެ. އަދި ބަޔަކަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް އަވަސް އަރުވާލައިގެން ތަހުގީގުތައް ހިންގުމުގެ ބަދަލުގައި، ވަގުތު ނަގައިގެން އެކަން ކުރުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަން އެންމެ ފަހުން ފެންމަތިވެގެން އައި ވާހަކަތަކުން ވެސް އެނގޭކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ ކުންފުނިތަކުގެ ތެރޭގައި އެފަދަ އަމަލުތަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ.
އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި ވެސް ކުރީ ސަރުކާރުގެ އެކި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ރިޕޯޓުތައް ތައްޔާރު ކުރަމުންދާކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ހަދާފައި ހުރި ގޯސްތައް ރަނގަޅު ކުރަމުން މިފަދަ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު ވެރިކަމަށް އައިސް ވަގުތުން ހެކިތައް ނެތި ތަހުގީގު ނުހިންގޭނެކަމަށް އިބްރާހިމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން ވެސް އެދަނީ މިހެން ހުރި މައްސަލަތައް ބަލައި، މައްސަލަތަކަށް ފިޔަވަޅު އަޅަން ވެސް އެދަނީ އަންގަމުން، އަދި އެސްއޯއީ ކޮމިޓީން ވެސް ވަރަށް ގިނަ ކަންތަކެއް އެބަ ބަލާ.. އެހެންވީމަ ކަމެއް މީހަކާއި މެދުގައި ތުހުމަތު ކުރާއިރުގައި އެ މީހަކަށް ހުންނަން ޖެހޭ އެ ހުރިހާ ޑޮކިއުމަންޓާއި ޕްރޫފް ހުންނަން ޖެހޭނެ.. ނެތިއެއް ވެރިކަމަށް އަންނަ ދުވަހުގެ ފަހު ދުވަހު ކިހިނެއްތޯ ކުރެވޭނީ..
މީގެއިތުރުން އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒު މެނިފެސްޓޯއެއް އެކުލަވާލައި ވެރިކަމަށް ވަޑައިގަތީ ފަސް އަހަރުގެ ދައުރަކަށްކަމަށާއި، އެއް އަހަރުވުމާއި އެކު ސަރުކާރުގެ މަސައްކަތާއި ސްޕީޑާއި މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
އިބްރާހިމް ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރަކީ ބަޖެޓު ތަންފީޒުކޮށް ގިނަ މަޝްރޫއުތައް ކުރިޔަށް ދާނެ އަހަރެއްކަމަށެވެ. ހާއްސަކޮށް ރައީސް މުއިއްޒުގެ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ކުރިޔަށް ދާނެކަމަށް ފާހަގަކުރެއްވި އެވެ.

