ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި ހިމެނޭ މީހުން ރިޓަޔަރ ކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ޕޯސްޓެއް ހިއްސާކޮށް ބުނެފައިވަނީ ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤެއް ކުރައްވަމުން ގެންދަވާކަމަށް އެ ސަރވިސްއަށް ވަނީ އަންގާފައިވާކަމަށެވެ. އަދި މިގޮތުން ތަޙްޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް މި ސަރވިސްއިން ރިޓަޔަރކޮށްފައި ނުވާނެ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސަންގު އާ ވާހަކަދެއްކެވި މަޞްދަރަކުން ވިދާޅުވި ގޮތުގައި، ކަސްޓަމްސް އޮފިސަރުންނަކީ އަމިއްލަ ވިޔަފާރި ކުރުން މަނާ ބައެއް ނޫނެވެ. އެހެންކަމުން، އެފަދަ ވިޔަފާރިތަކުގެ ސަބަބުން އެކައުންޓުތަކުގައި ފައިސާ ދައުރުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މި ކަންކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ތަޙުޤީޤެއް ކުރިއަށްދާކަން އެ މަޞްދަރުން ފާހަގަކުރެއްވިއެވެ.
އިތުރަށް އެ މަޞްދަރުން ވިދާޅުވި ގޮތުގައި، މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް އޮފިސަރެއް ވަޒީފާއިން ސަސްޕެންޑް ކުރެވިފައެއް ނުވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އޮޅުވާލުމާއި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި ތަޙުޤީޤާ ގުޅިގެން ބައެއް އޮފިސަރުންގެ މުވާޞަލާތީ ވަސީލަތްތަކާއި އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

