އަލް ހިޖްރަ ޓެރެވެލް އެންޑް ޓުއާސްއިން އުމްރާއަށް ގެންގޮސް އަނބުރާ ރާއްޖެއަށް ނާދެވި ހާލުގައި ޖެހުނު މީހުން މާދަމާ ރާއްޖެ ގެންނާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖައްސާ ކުންފުނިތަކުގެ މައްސަލަތައް ކޮންމެ އަހަރަކު ވެސް ފެންމަތިވެއެވެ. އަދި ތަކުރާރުކޮށް މިފަދަ މައްސަލަތައް ފާހަގަވާ ކުންފުނިތައް ހުރިއިރު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް 23 މީހަކު ގެންދިޔަ އަލް ހިޖްރަ ކުންފުނިން އުމްރާވެރިންތަކެއް ހާލުގައި ޖެއްސިކަމަށް ފެންމަތިވީ ސޯޝަލް މީޑިއާގައެވެ.
އުމްރާވެރިންގެ އަތުން ހުރުމާއި ކެއުމުގެ ހުރިހާ ހަރަދެއް ނަގާފައި ވަނިކޮށް، ބުކިންގެ މައްސަލައެއް ޖެހި އެއް ރޭ އުމްރާވެރިން ތިބި ހޮޓަލުން ވެސް ނިކުންނަން ޖެހުނެވެ. އަދި ފުރާ ވަގުތު ޖެހުނު އިރު، މާލީ ދަތިތަކެއް ދިމާވެ އެނބުރި ރާއްޖެ އައުމުގެ ޓިކެޓު ނަގާފައި ނުވާކަމަށް ކުންފުނިން އެނގި އެވެ. މިނިސްޓްރީން އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކުރީ، އިތުރަށް ކުރެވޭނެކަމެއް ނެތްކަމަށް ކުންފުނިން ބުނުމުންނެވެ.
ސްކޫލު ބަންދާއި ދިމާކޮށް އުމްރާއަށް ދިއުމަށް، އުމްރާވެރިން ކުންފުންޏަށް 28،500 ރުފިޔާ ދައްކާފައި ވެއެވެ.
މިހާރު އުމްރާވެރިން ތިބީ ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ އުމްރާވެރިންނާއި އެކުއެވެ.
މައްސަލައިގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ގަތަރު އެއާވޭސްގައި އުމްރާވެރިން މާދަމާގެ ހެނދުނު ރާއްޖެ ގެނެވޭނެކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއި އެކު މިނިސްޓަރ ޝަހީމް އަލީ ސައީދު ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީ އެ ކުންފުންޏާއި އެކު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އުމްރާވެރިންގެ އަތުން ފައިސާ ނަގައި، އެ ފައިސާ ބޭނުންކޮށްފައިވާކަމަށް މިނިސްޓްރީގައި ކުންފުނިން ވަނީ އިއުތިރާފުވެފަ އެވެ. ކުންފުންޏަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި، އެއްލަކަ ރުފިޔާއިން ޖުރިމަނާ ކުރުމުގެ އިތުރުން އަލްހިޖްރާ ކުންފުންނާއި ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏެއްގެ ވެސް ހުއްދަ ހިފެހެއްޓުމެވެ.
މީގެއިތުރުން އުމްރާއަށް ގޮސް ހާލުގައި ޖެހުނު ފަރާތްތަކާއި ހަވާލުވުމުން އެކަމަށް މިނިސްޓްރީ ކުރަން ޖެހުނު ހަރަދު ހޯދުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މައްސަލައިގައި ހިމެނޭ ކުންފުންޏާއި މެދު ގާނޫނީ ފިޔަވަޅު އަޅައި، މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

