ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިއަ އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިއަ 02 ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އެ ދެ ބިދޭސީންގެ ތެރެއިން އެކަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުންދިއަ މީހެއް ކަމަށެވެ. އަދި ދެވަނަ މީހާއަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސްފައިވާ މީހެއް ކަމަށެވެ. މި މައްސަލަ ތަހުޤީޤު ކުރުމަށްފަހު، މި ދެ މީހުން ވެސް ވަނީ މިހާރު ޑީޕޯޓުކޮށްފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެއީ އުމުރުން 40 އަހަރާއި 41 އަހަރުގެ ވިއެޓްނާމް އަށް ނިސްބަތްވާ ދެ މީހުންނެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުކުރެވޭ ބިދޭސީންތަކެއް މިމަހުގެ 5 ވަނަ ދުވަހުގެ ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އެމީހުން ވަނީ ޑީޕޯޓްކޮށްފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އިމިގްރޭޝަން ވޮޗްއަށް ގިނަ އަދަދެއްގެ ރިޕޯޓުތައް ލިބެމުންދާކަމަށާއި، ބައެއް ރިޕޯޓުތަކަކީ އިމިގްރޭޝަންގެ ސަމާލުކަމަށް އެތަނެއް އައިސްފައިވާތީ ގާތުން ބަލަމުން ދާ ތަންތަން ކަމަށް އެ އިދާރައިން ވަނީ ބުނެފައެވެ.

